މިދިޔަ އަހަރަށްވުރެ ޓޫރިސްޓުން އައި އަދަދު ފަސް ޕަސެންޓު ދަށަށް

މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ މި އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް ފަސް ޕަސެންޓު ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ. 
ޖޫން 18، ގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,011,473 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 1،063،894 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. އެހެންކަމުން މިދިޔަ އަހަރަށްވުރެ ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 4.9 ޕަސެންޓު ދަށަށް ގޮސްފަ އެވެ. 
ޖޫން މަހުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ ދެ އަހަރުގެ ޖޫން މަހަށް ވުރެ ދަށެވެ. 2024 ވަނަ އަހަރު 69،317 ޓޫރިސްޓުން އަދި 2025 ގައި 80،909 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މި އަހަރު މިހާތަނަށް ޖޫން މަހު އައީ 67،482 ޓޫރިސްޓުންނެވެ. އެއީ މިދިޔަ ޖޫން މަހަށް ވުރެ 16.6 ޕަސެންޓު ދަށް އަދަދެކެވެ. 
މި އަހަރުގެ ޖެނުއަރީ އާއި ފެބްރުއަރީގައި ރާއްޖެއަށް ވަރަށް ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރިއިރު މާޗުގައި ފެށުނު އިރާން ހަނގުރާމަ އާއެކު ވަރަށް ބޮޑަށް ޓޫރިޒަމަށް އަސަރުކުރި އެވެ. މާޗު މަހާއި އެޕްރީލް މަހު 20 ޕަސެންޓު ދަށްވުމެއް އައުމަށް ފަހު މެއި މަހު 1.7 ޕަސެންޓުގެ ކުރިއެރުމެއް ޓޫރިޒަމް ނަންބަރުތަކަށް އައިސްފައިވެ އެވެ.
ރާއްޖެ އައި ޓޫރިސްޓުންގެ 68 ޕަސެންޓު ހިއްސާކުރަނީ 10 ގައުމަކުންނެވެ. އެއްވަނައިގައި ޗައިނާ އޮތްއިރު ދެވަނައިގައި އޮތީ ރަޝިއާ އެވެ. އެއީ ލައްކައަކަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައި ހަމައެކަނި ދެ ގައުމެވެ. 
މިވަގުތު ނަންބަރުތައް ދައްކާ ގޮތުން 2025 ގައި އައި ރެކޯޑު އަދަދަށް ޓޫރިސްޓުން އައުމަކީ ދުރު ކަމެކެވެ. އެހެން ނަމަވެސް 2024 ގެ ނަންބަރުތަކާ ދާދި އެއްވަރަކަށް ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ