ކުރީގެ ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯތައް ނައްތާލުމަށް ކޯޓުން އަމުރުކޮށްފި

ކުރީގެ ލޯބިވެރިޔާގެ ފޮޓޯތަކާއި ވީޑިއޯތައް ނައްތާލުމަށް ޖަރުމަނުގެ އެންމެ މަތީ ކޯޓުން އެޤައުމުގެ ފިރިހެނަކަށް އަމުރުކޮށްފިއެވެ.
ކޯޓުން މިފަދަ އަމުރެއް ފިރިހެން މީހާގެ މައްޗަށް ކޮށްފައިވަނީ، ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެންމީހާގެ ފަރާތުން ކޯޓަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެންނެވެ.
ކޯޓުން ފިރިހެން މީހާގެ މައްޗަށް ކުރި އަމުރުގައި ވަނީ، ކުރީގެ ލޯބިވެރިޔާގެ ފޮޓޯ އަދި ވީޑިއޯ، އެހެން ފަރާތަކާއި ހިއްސާ ކުރުމުގެ ނިޔަތެއް ނެތަސް އެތަކެތި އޭނާ ގެންގުޅުމުން އެ އަންހެން މީހާގެ ހައްޤުތަކަށް އުނިކަން ލިބޭ ކަމަށެވެ.
މިކަމާއި ގުޅިގެން ކަމާއި ބެހޭ އޮފިޝަލަކު ބުނީ، ކުރިން އެ ފޮޓޯތަކާއި ވީޑިއޯތައް ނަގާފައި ވަނީ އަންހެން މީހާގެ ރުހުމުގައި ކަމުގައި ވީނަމަވެސް ފަހުން ދެމީހުން ދުރުވުމުން، އަންހެން މީހާ އެ ތަކެތި ފިރިހެން މީހާގެ އަތުގައި ބަހައްޓަން ބޭނުން ނުވާތީ މައްސަލަ ވަރަށް ހޫނުވެ ދެމީހުން އަރައިރުން ވެފައިވާ ކަން އެނގިފައި ވާ ކަމަށެވެ.
މި މައްސަލާގައި ކޯޓުން އިތުރަށް ބުނީ، ރުހިގެން އެފަދަތަކެތި އެހެން ބަޔަކާއި ހިއްސާ ކުރި ނަމަވެސް އެމީހަކު ބޭނުން ނުވެއްޖެ ހާލަތެއްގައި އެތަކެތި އިތުރު ބަޔަކަށް ނުގެންގުޅެވޭނެ ކަމަށެވެ. އަދި އެފަދަ ތަކެތި ގެންގުޅޭ ނަމަ އެމީހެއްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ކޯޓުން ބުނެފައިވެއެވެ.
ހަމަ އެހެންމެ އެފަދަ ތަކެތި ހުރުމުން އެހެން މީހުންގެ ހައްޤުތަކަށް އަރައިގަތުމާއި، ބްލެކްމެއިލްކޮށް ބާރު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ކޯޓުން ފާހަގަކޮށްފައި ވެއެވެ.
ޖަރުމަނަކީ މިފަދަ މައްސަލަތަކުގައި ޔޫރޮޕްގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު، ޤާނޫނީގޮތުން ވަރަށް ހަރުކަށި އުސޫލްތަކެއް ކަނޑައަޅާފައިވާ ޤައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ