ދުންފަތުން މީހުން ސަލާމަތްކޮށްދޭ ފަރާތްތަކަށް އެވޯޑެއް ދެނީ

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަމުން ސަލާމަތްކޮށްދޭ މީހުންގެ އަގު ވަޒަންކޮށް އަންނަ އަހަރުން ފެށިގެން ގައުމީ އިނާމެއްދޭން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުން މީހުން ދުރުކުރުވުމަށް މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާތަކަށް އެކަމުގައި އެހީތެރިކަން ދީ، އެ މީހުން ކުރާ މަސައްކަތް ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ.
ތަފްސީލް - ދުންފަތާ ދެކޮޅަށް ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތައް ފާހަގަކޮށް ރައީސް ވިދާޅުވީ ޒުވާނުން ދުންފަތުގެ އަޅުވެތިކަމަށް ވަނުމުގެ ކުރިން އެކަމުން މިނިވަން ކުރުމަށް ޖެނެރޭޝަނަލް ބޭންއެއް ގެނެސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މުޖުތަމައު ވޭޕްގެ އަޅުވެތިކަމަށް ގޮސްގޮސް، ގަރަގުވެގެން ދަނިކޮށް އެ ވޭޕްގެ އަޅުވެތިކަމުން ސަލާމަތްކޮށް ވޭޕް ބޭންކުރީ. އެހެންވީމާ އަޅުގަނޑުމެންގެ މި ގައުމުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން މީހުން ދުރުކުރުވުމަށްޓަކައި މަސައްކަތްކުރާ މަދަނީ ޖަމާއަތްތަކަށް، ޖަމްއިއްޔާތަކަށް އެކަމުގައި އެހީތެރިކަން ދިނުމަށާއި އެ މީހުން ކުރާ މަސައްކަތް ރެކޮގްނައިޒް ކުރުމަށް ނިންމާ، މި އަންނަ އަހަރުގެ ޖުލައި 26ން ފެށިގެން ކޮންމެ މިނިވަންދުވަހަކު ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދަ އިން ސަލާމަތްކޮށްދީ އެކަމުން އެންމެ ގިނަ މީހުން މިނިވަންކޮށްދޭ ފަރާތްތައް ފާހަގަކޮށް ގައުމީ އިނާމެއް ދޭން ނިންމާފައި އޮންނާނީ." ރައީސް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - މި ސަރުކާރުން ސިނގިރޭޓުގެ ޑިއުޓީ ދެގުނަ ބޮޑުކުރުމަށް ފަހު އޭގެ ދޮޅު އަހަރެއްހައި ދުވަސް ފަހުން އަނެއްކާ ވެސް ގާތްގަނޑަކަށް ކުރިން ހުރި ވަރަށް ވަނީ ކުޑަކޮށްފަ އެވެ. އެ ނިންމުން ނިންމަން ޖެހުނީ ސިނގިރޭޓުގެ ބަދަލުގައި އަގުހެޔޮކޮށް، މާ ނުރައްކާތެރި ދުންފަތުގެ ބާވަތް އާންމުވުމުން ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ