ޖަޕާނުގެ ފުޓްބޯޅަ ލެޖެންޑް ކަޒުޔޯޝީ މިއުރާ، ދިގު އަދި އާދަޔާހިލާފް ކެރިއަރުގައި އުމުރުން 59 އަހަރުގައި ވެސް ލަނޑު ޖަހައިފި އެވެ.
"ކިންގް ކާޒޫ" ގެ ނަމުން މަޝްހޫރުވެފައިވާ ކުޅުންތެރިޔާ މިހާރު ކުޅެމުންދަނީ ޖަޕާނުގެ ތިންވަނަ ޑިވިޝަނުގަ އެވެ. ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ ގޮތުގައި އަދިވެސް ހޭދަކުރާ ކާޒޫ އަށް ކުރިއަށް އޮތީ އޭނާގެ 42 ވަނަ ސީޒަނެވެ.
ޖާޕާނުގެ ގައުމީ ޓީމަށް 10 އަހަރުވަންދެން ކުޅެ 50 އަށް ވުރެ ގިނަ ލަނޑު ޖަހާފައިވާ ފޯވާޑް ވަނީ ބްރެޒިލްގެ މަޝްހޫރު ކްލަބް ސަންޓޯސް އަށް ވެސް ކުރިން ކުޅެފަ އެވެ. އަދި އިޓަލީގެ ޖެނޯއަށް ވެސް އޭނާ ކުޅުނެވެ.
ތިންވަނަ ޑިވިޝަނުގެ ކްލަބް، ފުކުޝިމާ ޔުނައިޓެޑަށް ކުޅެމުން އަންނަ ކާޒޫ ލަނޑު ޖެހީ ޖަޕާނުގެ އެމްޕަރާ ކަޕްގައި އިއްޔެ ކުޅުނު މެޗުގައި އިވާކީ ފުރުކާވާ ކޮޅަށެވެ.
ފުކުޝިމާއިން މެޗު ކާމިޔާބު ކުރީ 7-0 ންނެވެ. މެޗުގެ 52 ވަނަ މިނެޓުގައި ފުކުޝިމާގެ ފަސް ވަނަ ލަނޑު ކާޒޫ ޖެހީ ޓީމުގެ އެހެން ކުޅުންތެރިޔަކު ތަނަވަސްކޮށްދިން ފުރުސަތަކުން، އޭރިއާ ތެރެއަށް ވަދެ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭނާ ލަނޑު ޖެހުމުން، ދަނޑުމަތީގައި ތިބި ފުކުޝިމާގެ ކުޅުންތެރިންނާއި އެ ޓީމުގެ ބެންޗުގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުން ވެސް ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.
ލަނޑު ޖެހި އިރު ކާޒޫގެ އުމުރަކީ 59 އަހަރާއި 149 ދުވަހެވެ.
މީގެ ކުރިން ރަސްމީ މެޗެއްގައި ކާޒޫ ލަނޑެއް ޖެހީ މީގެ ހަތަރު އަހަރު ކުރިން 2022 ވަނަ އަހަރު އެވެ. އޭރު އޭނާ ކުޅެމުންދިޔަ އެތުލެޓިކޯ ސުޒުކާއިން އެފްސީ އޮސާކާ އަތުން ބަލިވި މެޗުގައި ކާޒޫ ލަނޑުޖެހި އެވެ. އެ ލަނޑު ޖެހިތާ ތިން މިނެޓް ފަހުން، އޭނާ ބަދަލުކޮށް އެހެން ކުޅުންތެރިޔަކު ކުޅެން ނެރުނެވެ.
އަންނަ ފެބްރުއަރީ މަހު އުމުރުން 60 އަހަރު ފުރޭ ފޯވާޑް، ފުކުޝުމާ އަށް ކުޅެމުންދަނީ ލޯނު އޫސުލުންނެވެ. ޔޮކޮހާމާ އެފްސީގެ ކޮންޓްރެކްޓްގައި ހުރި ކާޒޫ، ލޯން އެއްބަސްވުމެއްގެ ދަށުން ޖޫން 2027 ގެ ނިޔަލަށް ފުކުޝުމާގައި ބަހައްޓަން ދެ ކްލަބްގެ ދެމެދުގައި ވަނީ އެއްބަސްވެފަ އެވެ. އޭނާ ފުކުޝުމާއާ ގުޅުނީ ޑިސެމްބަރު މަހު އެވެ.
މިހާރު އޮތް ކޮންޓްރެކްޓްގެދަށުން އުމުރުން 60 އަހަރު ފުރޭ އިރު ވެސް އޭނާ ގެންދާނީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެމުންނެވެ.
ޖަޕާނުގެ ލެޖެންޑް ކާޒޫ؛ 59 އަހަރުގައި ވެސް ހުއްޓުމެއް ނެތް، ހަތަރު އަހަރަު ފަހުން ލަނޑުޖަހައިފިި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ