މާތްﷲ އަށް އިޚްލާސްތެރި ނުވާ މީހަކު އެހެން އެއްވެސް ފަރާތަކަށް އިޚްލާސްތެރި ނުވާނެ - ޝައިޚް ސިނާން

ﷲ ސުބްޙާނަހޫ ވަތަޢާލާއީ މިކައުނުގައި އިންސާނާއަށް ބޭނުން ޖެހިފައިވާ އެންމެހައި ކަންތައްތަކެއް ކޮށްދެއްވަމުން ގެންދަވާ އިލާހުކަމަށް ވާއިރު އެކަލާނގެއަށް އިޚްލާޞްތެރި ނުވާ މީހަކު އެހެން އެއްވެސް ފަރާތަކަށް އިޚްލާޞްތެރި ނުވާނެކަމަށް އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވެއްޖެ އެވެ.
ސަންޓީވީއިން ރޭ ގެނެސްދިން "ސުވާލަކީ ކޮބާ" ޕްރޮގްރާމުގައި ބޭފުޅަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވީ އިންސާނާ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބިރުވެތި ނުވެއްޖެ ކަމުގައިވާނަމަ ދެން އެމީހާ ކޮންޓްރޯލު ކުރާނީ އޭނާގެ ހަވާނަފްސުކަމަށާއި، އެންމެ ބޮޑަށް ކިޔަމަންތެރިވާން ޖެހޭ ފަރާތަށް ކިޔަމަންތެރި ނުވެ އެހެން މީހަކަށް ކިޔަމަންތެރިވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
"ހަވާނަފްސަކީ އެމީހަކު ބޭނުންވާ ގޮތަކަށް އެމީހަކަށް ގޮވާލާ އެއްޗެއް. އެގޮތުން އެކި މީހުން ބޭނުންވާނީ އެކި ކަންތައްތަކަށް. ބައެއް މީހުންނަކީ މުދަލަށް ދަހިވެތިވެފައިވާ މީހުން. އެމީހުން ބަލާނެ އެމީހުންނަށް ވީ ކޮންމެ ގޮތަކުންވިޔަސް އެ މުދާ ހޯދޭތޯ. ކޮންމެ ގޮތަކުންވިޔަސް. އެގޮތުން ﷲ އަށް އިޚްލާޞްތެރި ނުވާ މީހެއްގެ ފަރާތުން ތަފާތު އެކި އަޖާއިބުތައް ފެނިގެން އަންނާނެ. އެކުގައި އުޅޭ މީހާއާއި ދެކޮޅަށް ކަންތައްތައް ކުރާތަން ފެންނާނެ އަދި ހަވާލު ކުރެވޭ މަސައްކަތްތަކަށް ހިޔާނާތްތެރި ވާތަންވެސް ފެންނާނެ." ޝައިހް ސިނާން ވިދާޅުވިއެވެ.
ޖަމްޢިއްޔަތުއްސަލަފާއި ސަންޓީވީ ގުޅިގެން ކޮންމެ ހޮނިހިރު ދުވަހެއްގެރޭ ގެނެސްދޭ "ސުވާލަކީ ކޮބާ" ޕްރޮގްރާމްގައި ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި، އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް ﷲ ތަޢާލާ ދެނެވޮޑިގެން ވާކަމާއި އަދި އަޅުގަނޑުމެން ކުރާ އެންމެހައި ކަމެއް އެކަލާނގެ ލިޔުއްވާކަން ތެދުހިތުން ޤަބޫލުކޮށް އެކަން އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރުގައި އަބަދުވެސް ބަހައްޓަން ޖެހޭކަމަށާއި އެކަންކަން އަޅުގަނޑުމެން ޤަބޫލު ކުރާނަމަ އަޅުގަނޑުމެން މީސްމީހުންނާއި ދޭތެރޭގައި ކަންތައްތައް ކުރާނީ އެންމެ ރަނގަޅަށް ކަމަށެވެ.
އަދި މީހާގެ އިތުބާރު އެހެން މީހުންގެ ކުރިމަތީގައި ހިފެހެއްޓުމަށް މަސައްކަތް ކުރާނެކަމަށާއި އެހެން މީސްމީހުންނަށް ހިޔާނާތްތެރި ނުވާނެކަމަށް ވެސް ޝައިހް ވިދާޅުވިއެވެ.
"މީހެއްގެ ދަށުގައި މަސައްކަތް ކުރާކަމުގައި ވާނަމަ އޭނާގެ މައްޗަށް ހުންނަ މީހާގެ އަމުރުތަކަށް ކިޔަމަންތެރިވާނެ. އެއީ އޭނާގެ އެންމެ މުހިއްމު ކަމަކަށްވާނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުން ހޯދުން. އެއީ އޭނާއަށް ގެއްލުން ވާ ޙާލަތެއްކަމުގައިވިޔަސް އަދި އޭނާއަށް ދެރައެއް ލިބޭ ޙާލަތެއްކަމުގައި ވިޔަސް އެމީހަކު އިސްކުރާނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާވޮޑިގެންވާ ގޮތަށް މަސައްކަތްކުރެވޭތޯ" އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ