އަޖުމަ ބަލަން ވެރިކަން ހަވާލުކުރުމުގެ ނަތީޖާ މިހާރު ފެނިއްޖެ: މައުމޫން

ވެރިކަމަކީ ގޮތް ބަލައިލުމަށް ހަވާލުކުރާ ކަމެއް ނޫން ކަމަށާއި އަޖުމަ ބެލުމަށް މީހަކާ ވެރިކަން ހަވާލު ކުރުމުގެ ނަތީޖާ މިހާރު ފެނިއްޖެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.ކާމިނީ މަގުގައި ހަދާފައި ހުރި ޕީޕީއެމްގެ "ކާމިނީ ޖަގަހަ" ހުޅުއްވައިދެއްވުމަށް ފަހު އެ މަނިކުފާނު ވިދާޅުވީ މިދިޔަ ތިން އަހަރު ރާއްޖޭގައި ހިނގާ ދިޔަ ކަންތައްތަކުން ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވޯޓު ދެއްވަން ޖެހެނީ ވެސް އޭނާއަށް މަތިވެރި މަގާމެއް ދިނުމުގެ ބޭނުމުގައި ނޫން ކަމަށެވެ. "ޔާމީނަށް ވޯޓު ދޭން ޖެހެނީ ގައުމަށްޓަކައި. އިސްލާމް ދީން ހިމާޔަތްކޮށް ގައުމަށް އަމާން އޮމާން ކަމާއި ތަރައްގީ ގެނައުމަށް،" މައުމޫން ވިދާޅުވި އެވެ.ޔާމީން ބައިވެރިވެ ވަޑައިނުގަންނަވާ އެ ރަސްމިއްޔާތުގައި މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން ކުރާނެ ގޮތެއް އޮޅުންފިލުވާ ނުދެއްވާ ކަމަށެވެ. އެކަމަކު ޔާމީން އެ ވައުދުތައް ވެ ވަޑައިގަންނަވަނީ ދައްކަވާ ވާހަކަތަކެއްގެ ގޮތުގައި ނޫން ކަމަށާއި އެކަންކަން ކުރާނެ ގޮތާއި އެކަމަށް ފައިސާ ހޯދާނެ ގޮތް އޭނާ ވިދާޅުވެ ދެއްވާފައިވާ ކަމަށެވެ. އަންނަ ހޮނިހިރު ދުވަހު ވޯޓުލުމާމެދު މިހާރު ބާކީ މި އޮތް މަދު ގަޑިއިރު ކޮޅުގެ ތެރޭގައި ޣާފިލުވެގެން ތިބެން ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެކަމާ މެދު ވިސްނައި، އެންމެ ރަނގަޅު ހިދުމަތްކޮށްދޭނެ ވެރިއަކަށް ވޯޓު ދެއްވުމަށް މައުމޫން އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ