ސުނާމީގެ ފައިސާއާ ގުޅޭގޮތުން ދައުވާކުރި ނަމަ މިހާރު ވެސް ވެރިކަމުގައި ހުންނަވާނީ މައުމޫން: ޔާމީން

ރާއްޖެ އަށް 2004 ވަނަ އަހަރު އެރި ސުނާމީއާ ގުޅިގެން އެހީގެ ގޮތުގައި ލިބުނު ފައިސާއަށް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިޔާނާތްތެރިވި ކަމަށް ބުނެ އެޅުވި ދޮގު ތުހުމަތުތަކާ ގުޅޭގޮތުން ދައުވާކުރި ނަމަ ރާއްޖޭގެ ވެރިކަމުގައި މިހާރު ވެސް ހުންނާވާނީ މައުމޫން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ނ. ހޮޅުދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ޔާމީން ވިދާޅުވީ އިންތިހާބުގައި ކެމްޕޭންކުރަމުންދާއިރު ސިޔާސީ ވާދަވެރިންގެ ފަރާތުން އެ ޕާޓީ އަށް ނިސްބަތްކޮށް އަޅުވާ ދޮގު ތުހުމަތުތަކުގައި އެއްޗެއް ވިދާޅު ނުވެއްޖެ ނަމަ އެއީ "އެކަމުގައި އެއްޗެއް ބުނެވެން ނެތުމުން" ކަމަށް ބައެއް މީހުން ގަބޫލުކުރާނެ ކަމަށެވެ. އެގޮތަށް އެޅުވި ތުހުމަތުތަކާއި އިލްޒާމްތަކުގެ އެންމެ ވަރުގަދަ ޝިކާރައަކަށްވީ މައުމޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި 2008ގެ އިންތިހާބުގައި މައުމޫން ވާދަކުރެއްވުމުން ވަރަށް ގިނަ ދޮގު އިލްޒާމްތަކާއި ބަދުނާމުތައް އެމަނިކުފާނުގެ އިސްތަށިފުޅުގައި ވަނީ އަޅުވައިފަ އެވެ.
"ސުނާމީން އަޅުގަނޑުމެންނަށް [ރާއްޖެއަށް] ލިބުނު އެހީން އެތައް ގިނަ ގުނަ ފައިސާއެއްގައި އެމަނިކުފާނު ޖެހިވަޑައިގެންނެވި ކަމުގެ ތުހުމަތާއި އިލްޒާމްތައް އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވި. އަޅުގަނޑު ވަރަށް ފަހުން ކެބިނެޓާ ޖޮއިންވީ. ރައީސް މައުމޫން ހެކިވެ ވަޑައިގަންނަވާނެ، އަޅުގަނޑު ކެބިނެޓުގައި އާދޭސްކުރަމުން ދިޔައިން މި ޝަކުވާއަކީ، ދައުވާއަކީ ކުރައްވަން ޖެހިވަޑައިގަންނަވާނެ ދައުވާއެއް ކަމަށް،" ޔާމީން ވިދާޅުވި އެވެ.
އޭރު މައުމޫނަކީ ރައީސްގެ އިތުރުން ރިޔާސީ ކެންޑިޑޭޓަކަށްވާއިރު އެ ދައުވާ ކުރައްވާނީ އަމިއްލަ ގޮތުންތޯ ނުވަތަ އަމިއްލަ ހައިސިއްޔަތުންތޯ ދައުލަތުގެ ބަންޑާރަ ނައިބު ސުވާލު އުފައްދާފައިވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫންގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން ދައުވާ ކުރުމަށް ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި އެކަމަކު އެ ދައުވާ އިންތިހާބުގެ ކުރިން ނުކުރެވުމަކީ "ވަރަށް ހިތްދަތި ދުވަހެއް" ކަމަށެވެ. އިންތިހާބުގެ ކުރިން އެ ދައުވާ ނުކުރެވުނީ ކީއްވެގެންކަން ޔާމީން ރޭ ވިދާޅެއް ނުވެ އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގެ ކުރިން އެ ދައުވާކުރި ނަމަ މައްސަލަ ނިމިގެންދާނީ މައުމޫނާ އެއްކޮޅަށެވެ. އަދި އެ ދައުވާކޮށް، ހުކުމް އައި ނަމަ ގައުމުގެ ރައީސެއްގެ ގޮތުގައި މިއަދު ވެސް ހުންނަވާނީ މައުމޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސިޔާސީ މީހުންނަށް ރައްދުވާ މި ކަހަލަ ވާހަކަތަކަށް ޖަވާބު ނުދެނީމަ އޭގެ އަސަރު އަޅުގަނޑުމެންނަށް ވޯޓުން އެބަކުރެއޭ. އެހެން ނޫން ނަމަ އަޅުގަނޑު މިރޭ މިތާ އެ ވާހަކަ ނުދެއްކީމުސް. އަދި ހަސަނަކަށް ވެސް ރައްދު ދޭކަށް ބޭނުމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
މައުމޫނަށް 2008 ގައި ކުރިމަތިވެވަޑައިގެންނެވި ކަމެއްގެ ވާހަކަ ޔާމީން ރޭ ދެއްކެވީ އޭނާ އަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ މައްސަލަ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ބަލާނެ ކަމަށް އެ ޕާޓީން އިއްޔެ ބުނެފައި ވަނިކޮށެވެ.
ޔާމީން ވިދާޅުވީ ސިޔާސީ ގޮތުން ފިކުރު ތަފާތުވެ އެކި ފިކުރުތަކާ އެކު ގައުމަށް ތަރައްގީ ހޯދައިނުދެވޭނެ ކަމަށެވެ. ގައުމު ކުރިއަށް ގެންދިއުމުގެ އަޒުމާއި ސާބިތުކަމެއް އެފަދަ ފަރާތްތަކުގައި ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޔާމީން ވިދާޅުވީ ކެންޑިޑޭޓް ނަމްބަރު ތިނެއް ނުވަތަ އޭނާ އަށް ދޭ ވޯޓަކީ ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްލާފައި، ދާނެ ވޯޓަކަށް ނުވާނެ ކަމަށެވެ. ކިތަންމެ ދުރު ރާސްތާއަކަށް ދަތުރުކުރަން ޖެހުނު ނަމަވެސް އެއީ ރައްޔިތުންނާ އެކީގައި ތަރައްގީއާ ހަމައަށް ދާނެ ވޯޓެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނާ އެކު ކުރިއަށް ދިއުމުގެ ވިސްނުން އޮތްކަން ޕީޕިއެމްގެ މެނިފެސްޓޯއިން އެކަނި ވެސް ރައްޔިތުންނަށް ސާފުވާނެ އެވެ. އޭނާ އާއި ރަނިން މޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު އިންތިހާބަށް ނުކުންނެވީ ސިޔާސީ ވާދަވެރިންނަށް ފާޑުވިދާޅުވެ ބަހުން ހަމަލާދޭން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ފެބުރުއަރީ ހަތެއްގައި ފުލުހުންނާއި ސިފައިން ގައުމުގެ ހައްގުގައި ކުރީ މަތިވެރި ޖިހާދެއް ކަމަށާއި އެ ޖިހާދުގެ މަތިން އެ ދެ މުއައްސަސާ އަދި ރައްޔިތުން ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި އިންތިހާބުގައި ޕީޕީއެމަށް ނުދޭ ވޯޓަކީ ފެބުރުއަރީ ހަތެއްގެ ކުރިން ރާއްޖެ އޮތް ހާލަތަށްދޭ ވޯޓެކެވެ. އިންތިހާބުގައި ވޯޓު އިސްރާފު ނުކޮށް، ޕީޕީއެމަށް އެ ވޯޓު ދޭން އޭނާ އެދިވަޑައިގެންނެވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ނިންމަވާލައްވަމުން ޔާމީން ވިދާޅުވީ އިންތިހާބުގެ މި މޫސުމުގައި ހިފައިގެން އަންނަ ހަދިޔާތަކަށް "ނޫނެކޭ ބުނަން ރައްޔިތުން ކެރެންޖެހޭނެ" ކަމަށެވެ. ހަދިޔާ ދެނީ އަމާޒާ ހަމައަށް ވާސިލްވުމުގެ ހިތްވަރު ނެތުމުން ކަމަށާއި ބުރަ މަސައްކަތާއި ގޮންޖެހުންތަކާ އެކު އުފާ ފާގަތިކަން ގެނެސްދެވޭނީ ޕީޕީއެމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ