ބަންގްލަދޭޝްގައި މެޑިސިންގ ކިޔަވަމުންދިޔަ ރައުދާ އާޠިފްގެ މަރުގެ މައްސަލަ ރަނގަޅަށް ތަޙުޤީޤު ކުރުމަށް ބަންގްލަދޭޝްގެ ރާޖް ޝާހީ މެޖިސްޓްރޭޓް ކޯޓުން އެ ޤައުމުގެ ފުލުހުންގެ މައްޗަށް އަމުރެއް ނެރުމުން ފުލުހުން ހިތްހަމަ ނުޖެހިއްޖެއެވެ.
މިދިޔަ މާރޗް މަހުގެ 29 ވަނަ ދުވަހު ބަންގްލަދޭޝްގައި ދަންޖެހިގެން މަރުވި ކަމަށްބުނާ ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ މައްސަލަ ރަނގަޅަށް ތަޙްޤީޤު ކުރުމުގެ އަމުރެއް ހޯދަން ރައުދާގެ އާއިލާ އިން ކޯޓަށް ހުށަހަޅަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ބަންގްލަދޭޝްގެ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންނާއި ޙަވާލާދީ އެ ޤައުމުގެ ނޫސްތަކުން ބުނެފައިވަނީ އެ މައްސަލަ ފުލުހުން މިހާރު ވެސް ތަޙްޤީޤު ކުރަމުން ދަނީ ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކަމަށާއި އެހެންކަމުން ކޯޓުން މިފަދަ އަމުރެއް ހޯދަން ކޯޓަށް ދާން ޖެހޭ އެއްވެސް ސަބަބެއް ނޭނގޭ ކަމަށާއި މިއީ ޤަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.
ބަންގްލަދޭޝްގެ ފުލުހުން މި މޭރުމުން ވާހަކަ ދައްކާފައިވާ އިރު، ރައުދާ މަރުވީ ދަން ޖެހިގެން ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދެއްކި ނަމަވެސް ރައުދާ މަރުވީ ދަން ޖެހިގެން ކަމަށް ނިންމާ ފުލުހުންގެ ތަޙްޤީޤު ހުއްޓާލާފައި ނުވާ ކަމަށާއި އެ މައްސަލަ އަދުވެސް ދަނީ ތަޙްޤީޤު ކުރަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ރައުދާގެ މަރުގެ މައްސަލައިގާ ރައުދާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ސީރަތު، ރައުދާ މަރާލި ކަމަށް ޤަބޫލުކުރެވޭ ހެކިތަކެއް އެބަހުރި ކަމަށް ބުނެ، ރައުދާގެ ޢާއިލާއިން ވަނީ ޤަސްދުގައި މީހަކު މަރާލިކަމުގެ ތުހުމަތުގެ ދަޢުވާ ސީރަތުގެ މައްޗަށް އުފުލާފައެވެ.
ބަންގްލަދޭޝްގެ ފުލުހުން ސީރަތުގެ ފޯނު މީގެ ކުރިން ޗެކް ކޮށްފައިވާ އިރު، އޭނާ އާއި މެދު ޝައްކެއް ކުރެވޭ ވަރުގެ ހެކިތަކެއް އޭނާގެ ފޯނުން ފެނިފައިނުވާކަމަށް ވަނީ ބުނެފައެވެ.
މި މައްސަލައާއިގުޅިގެން ދިވެހި ފުލުހުންގެ ޓީމެއް ބަންގްލަދޭޝްގައި ހަރަކާތްތެރިވުމަށްފަހު މިހާރު ވަނީ މާލެ އައިސްފައިވާ އިރު، ދިވެހި ފުލުހުން ރައުދާގެ ފޯނު އަންލޮކްކޮށް ބެލިބެލުމުން ރައުދާ މަރުވި ދުވަހުގެ ކުރީ ދުވަހު ވަޓްސްއެޕް މެދުވެރިކޮށް އޭނާގެ ލޯބިވެރިޔާއާ ހިތްހަމަނުޖެހިގެންމެސެޖުތަކެއް ފޮނުވާފައިވާ ކަމަށް ވަނީ ބުނެފައެވެ.
ރައުދާގެ މަރުގެ މައްސަލައިގާ ބަންގްލަދޭޝް ކޯޓުން ނެރުނު އަމުރާއިމެދު އެ ޤައުމުގެ ފުލުހުން ހިތްހަމަނުޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ