ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނި މެނޭޖުކުރާ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ކުނިތައް، އދ. ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވީ، އެ ކުނިތައް ކުނބުރުދޫ ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށެވެ. އަލިފާނުގެ ހާދިސާގައި ގާތްގަނޑަކަށް 50 ޓަނުގެ ކުނި އަނދާފައިވާ ކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
މީގެ އިތުރުން، އެނދި ކުނިތައް ނަގަން ފެށުމާއެކު ވެމްކޯގެ އޮޕަރޭޝަންތައް އާންމު ހާލަތަށް ގެނައުމުގެ މަސައްކަތްވެސް ފަށާނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
މިމަހުގެ 19 ވަނަ ދުވަހު ތިލަފުށީ ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، ތިލަފުށީ ފަޔަރ ސްޓޭޝަނާއި މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާނެ ވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 8:00 ގައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ތިލަފުށީގައި ރޯވި ކުނިތައް ކުނބުރުދޫއަށް ގެންދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ