ސުޕްރީމް ކޯޓުގެ އިސްނެގުންތަކަށް މެމްބަރު ނަޝީދު ފާޑުވިދާޅުވެއްޖެ

ބައެއް ކަންކަމުގައި ރާއްޖޭގެ ސުޕްރީމް ކޯޓުން އަމަލުކުރަމުންދާ ގޮތާމެދު ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ބްލޮގްގައި އޭނާ ލިޔުއްވާފައި ވަނީ ޝަރީއަތަކާ ނުލައި ނިޔާ އިއްވުމާއި އަމުރުތައް ނެރުމާއި މައްސަލައެއް ހުށަހެޅިފައި ނުވަނީސް ހުކުމްކުރުން ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކުން ފެންނަމުންދާ ކަމަށާއި އެކަން ހުއްޓެންޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުން ކަމެއް ނިންމަންޖެހޭނީ އެ ކޯޓަށް މައްސަލައެއް ހުށަހެޅުމުން ކަމަށާއި އެކަމެއް ނިންމަންޖެހޭނީ ވެސް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކަމެއް ނިންމަންޖެހޭނީ މައްސަލައެއް ހުށަހެޅުމުން ބާއްވާ އަޑުއެހުންތަކުގައި މައްސަލައާ ގުޅުންހުރި ފަރާތްތަކުން ދައްކާ ވާހަކަތަކާއި ފާހަގަކުރެވޭ ކަންތައްތަކަށް ބެލުމަށްފަހުގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ވަކިކަމެއްގެ އަޑު އިވޭއިރަށް ނުވަތަ މައުލޫމާތެއް ލިބޭއިރަށް އެ ކޯޓެއްގައި ތިބޭ ފަނޑިޔާރުންގެ ސިކުނޑިއަށް ވިސްނޭގޮތަކަށް ހުކުމްކުރަން ފަށައިފި ނަމަ ޝަރީއަތްތަކާއި އަޑުއެހުންތައް ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. އެކަމުން ކޯޓެއްގެ އެންމެ އަސާސީ ސިފަ ކަމަށްވާ ޝަރީއަތް ކުރުމުގެ ސިފަ މުޅިން ނެތިގެންދާނެ ކަމަށާއި އޭރުން ސުޕްރީމް ކޯޓަކީ އޮފީހަކަށް ބަދަލުވެގެން ހިނގައިދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެގޮތުން މިހާތަނަށް ވެސް ދެ ގާނޫނެއްގެ 17 މާއްދާއެއް ޝަރީއަތަކާ ނުލައި އިދާރީ އުސޫލުން ރޫލިންއަކުން ބާތިލްކޮށްފައިވާކަން ނަޝީދު ވަނީ ފާހަގަ ކުރައްވައިފަ އެވެ. ނަމަވެސް އެއީ ސުޕްރީމް ކޯޓަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ގަބޫލުކުރަން ދަތި ކަމަށް ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.
މައްސަލައެއް ހުށަނޭޅި ނަމަވެސް ވަކި ހާލަތްތަކެއްގައި ވަކި އުސޫލަކުން، މަތީ މަރުހަލާގެ ކޯޓުތަކަށް ވެސް އަމިއްލަ އިސްނެގުމުގައި ކަންކަން ނިންމިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ވަރަށް ސީރިއަށް ދަރަޖައަކަށް އިންސާނީ ހައްގުތަކަށް އަރައިގަންނަ ހާލަތެއްގައި މީހަކު މައްސަލައެއް ހުށަނޭޅި ނަމަވެސް އިންސާފު ލިބިދިނުން އަވަސް ކުރުމުގެ ބޭނުމުގައި ކޯޓުތަކަށް އެކަންތައް ބަލައިގަނެވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް ރާއްޖޭގައި އެކަންކުރަނީ އެ އުސޫލުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނެއްގައި އެ މީހުން ހިތްހަމަނުޖެހޭ ކަމެއް އޮތްނަމަ، އަދުލު އިންސާފު ގާއިމުކުރުމާ ބެހޭގޮތުން ގާނޫނު އަސާސީގައި ހުރި ހުރިހާ މާއްދާއަކާ ހަވާލާދިނުމަށް ފަހު، އިދާރީގޮތުން ނެރޭ ލިޔުމެއް މެދުވެރިކޮށް، އެ ހިތްހަމަނުޖެހޭ މާއްދާތައް ބާތިލްކޮށްލާ އުސޫލުންނެވެ. މިހާތަނަށް ބާތިލްކޮށްފައިވާ ދެ ގާނޫނެއްގެ 17 މާއްދާއިން ވެސް މިކަން ކަށަވަރުވެ އެވެ." ނަޝީދު ލިޔުއްވާފައިވެ އެވެ.
ނަޝީދު ވިދާޅުވެފައިވަނީ އެކަން ހައްލުކުރުމަށްޓަކައި ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ކޮބައިކަން މާނަކޮށް ގާނޫނު އަސާސީއަށް މާއްދާއެއް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމްތަކާއި ރޫލިންތަކާއި އަމުރުތަކާއި އާންމު ސިޓީތަކާއި ގަވާއިދުތަކާއި ސާކިއުލާތައް ގާނޫނީގޮތުން ތަފާތުކުރުން ގެނެސް އެ އެއްޗެހި ދަރަޖަކުރަންޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެއިން ކޮންމެ އެއްޗަކީ ސުޕްރީމް ކޯޓުގެ ހުކުމެއް ނޫން ކަން ކަނޑައަޅަންޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު ނަޝީދު މުގައްރިރުކަން ކުރައްވާ މަޖިލީހުގެ މިނިވަން މުއައްސާސާތަކުގެ ކޮމެޓީން ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ ޝަރީއަތުގެ މަރުހަލާއެއްގައިވާ މައްސަލައަކާ މެދު އެހެން ފަރާތަކަށް ގޮތެއް ނުނިންމެނޭ ކަމަށް ކަނޑައަޅައި އަމުރެއް ނެރެފަ އެވެ. ހުޅުމާލޭ ކޯޓުގެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. ހުޅުމާލޭ ކޯޓުގެ މައްސަލަ ފުރަތަމަ ސިވިލް ކޯޓުން ބަލަން ފެށުމުން އެ މައްސަލަ ބެލުން މަޑުޖައްސާލީ ވެސް ސުޕްރީމް ކޯޓުގެ އެންގުމަކަށެވެ. މީގެ އިތުރުން ވެސް ބައެއް މައްސަލަތައް ދަށު ކޯޓުގައި އޮއްވައި ސުޕްރީމް ކޯޓުން ގެންގޮސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ