މެމްބަރު ޝިފާޒާއި އަހުމަދަށް އެމްޑީޕީ ޕްރައިމަރީ ޓިކެޓް ކަށަވަރުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ބާރަށު ދާއިރާގައި ކުރިއަށް ގެންދިޔަ ޕްރައިމަރީ އެ ދާއިރާ މިހާރު ވެސް ތަމްސީލްކުރައްވާ މެމްބަރު މުހައްމަދު ޝިފާޒަށް ކަށަވަރުވެ، އިހަވަންދޫ ދާއިރާގެ ޓިކެޓް އެ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އަށް ކަށަވަރުވެއްޖެ އެވެ.
މެމްބަރު ޝިފާޒަށް ޓިކެޓް ކަށަވަރުވީ އެ ދާއިރާގައި ބުދަ ދުވަހު ކުރިއަށް ގެންދިޔަ ޕްރައިމަރީ 200 ވޯޓުގެ ތަފާތުން ކާމިޔާބުކުރައްވައިގެންނެވެ. އެ ދާއިރާ އަށް ވާދަކުރެއްވީ ޝިފާޒުގެ އިތުރުން މާލެ، ދަފްތަރު ނަމްބަރު 5251، މުހައްމަދު ޒަރީރެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދަށް ޓިކެޓް ލިބިވަޑައިގަތީ އެ ދާއިރާ އަށް ވާދަކުރެއްވި އަބްދުލް މާނިއު ހުސައިން ނަން އަނބުރާ ގެންދެވުމުންނެވެ.
މަޖިލީހުގެ 85 ގޮނޑި އަށް އެމްޑީޕީން ވާދަކުރާއިރު މިހާތަނަށް 55 ދާއިރާގެ ޓިކެޓް ވަނީ ކަށަވަރުވެފަ އެވެ. ބާކީ ހުރި ދާއިރާތަކުގެ ޕްރައިމަރީ ހުކުރު ދުވަހު ބާއްވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މިދިޔަ ހުކުރު ދުވަހު މާލެ އާއި އަތޮޅުތަކުގައި އެއްފަހަރާ ބާއްވަން އުޅުނު ޕްރައިމަރީ ފަސްކޮށް، ދާއިރާތައް ވަކިވަކިން ބާއްވަން ޖެހުނީ ވޯޓާސް ލިސްޓުގައި މައްސަލަތަކެއް ޖެހުމުގެ އިތުރުން ޕްރައިމަރީ އިންތިޒާމްކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ