މުއިއްޒުގެ ޓްރޭޑް އެޑްވައިޒަރު ޖަނާހުގެ ޕްރިމިއާ ބޭންކަށް އެމްއެމްއޭއިން ލައިސެންސް ދޫކޮށްފި

ރައީސް މުހައްމަދު މުއިއްޒުގެ ޓްރޭޑް އެޑްވައިޒަރު އަދި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އުފައްދަވާ މޯލްޑިވްސް ޕްރިމިއާ ބޭންކަށް މިއަދު މަރުކަޒީ ބޭންކުން ލައިސެންސް ދޫކޮށްފި އެވެ.
މަރުކަޒީ ބޭންކުގެ އިދާރާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ބޭންކުގެ ލައިސެންސް އޮޕަރޭޝަނަލް ހުއްދަ ހަވާލުކޮށްދެއްވީ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. އެ ބޭންކުގެ ފަރާތުން ލައިސެންސާ ހަވާލުވީ ޖަނާހުގެ ދަރިކަނބަލުން އައިޝާ ނޫރައިން ޖަނާހު އެވެ. އޭނާއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންވެސްމެ އެވެ. 
މޯލްޑިވްސް ޕްރިމިއާ ބޭންކަކީ ޓިއާ 1 ބޭންކެއްގެ ގޮތުގައި އޮޕަރޭޓު ކުރަން ހުއްދަ ދޫކުރި ބޭންކެކެވެ.  މިއާއެކު ރާއްޖޭގައި އޮޕަރޭޓު ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ބޭންކުތަކުގެ އަދަދު ވަނީ ނުވަޔަކަށް އަރާފަ އެވެ. 
ޕްރިމިއާ ބޭންކުގެ ހިއްސާދާރެއްގެ ގޮތުގައި ބިޒްނަސް ރެޖިސްޓްރީން ދައްކަނީ ހަމައެކަނި ޖަނާހު އެވެ. އެ ބޭންކުގެ ބޯޑުގައި ނޫރައިންގެ އިތުރުން ތިއްބަވަނީ އިސްމާއިލް އަލީ މަނިކު، ރަހީމާ ސަލީމް، މަރިޔަމް ޝާހިދާ މުހައްމަދު، މުހައްމަދު ހުސައިން މަނިކު އަދި 
 މިނިސްޓަރެއްގެ ފެންވަރުގައި މުއިއްޒުގެ ޓްރޭޭޑް އެޑްވައިޒަރަކަށް ހަމަޖައްސާފައިވާ ޖަނާހު ވިޔަފާރި ފެއްޓެވީ އެލިސެން ސާވިސަސް ޕްރައިވެޓު ލިމިޓެޑާ އެކު 1987 ގަ އެވެ. ކުދިކުދި މަސައްކަތްތަކުން ފެށި ކެރިއަރުގައި މިއަދު މުހައްމަދު އަލީ ޖަނާހު (ޖަނާ) އަކީ 52 ރިސޯޓު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވާ ރާއްޖޭގެ ކޮންސްޓްރަކްޝަނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރުގަދަ ނަމެކެވެ. 
ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ކަމަށްވާ ސޮނެވާ, ފޯ ސީޒަންސް އަދި ޝަންގްރިއްލާ ފަދަ ބްރޭންޑުތަކުގެ މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓުތައް ހަގީގަތަކަށް ހެދުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ. 
ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި 30 އަށްވުރެ ގިނަ އަހަރު ދުވަހުގެ ތަޖުރިބާއާ އެކު އޭނާ ވަނީ ކޮންސްޓްރަކްޝަން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަން ހަ ދައުރެއްގައި ކުރައްވާފަ އެވެ. އެ މަގާމުގައި މިއަދު ވެސް ހުންނެވީ ޖަނާހު އެވެ. މުއިއްޒުގެ އެޑްވައިޒަރެއްގެ ގޮތުގައި ޖަނާހު ހަމަޖެއްސީ ނޮވެމްބަރު 17، 2023 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ