ވަގަށް އެތެރެކުރި 2.3 މިލިއަން ސިނގިރޭޓް އަތުލައިގަނެ، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ދެ މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސްއިން އަތުލައިގަނެ، އެ ތަކެތި އެތެރެކުރި ފަރާތް ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އެކްސް އެކައުންޓުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަނެފައިވަނީ ޖުމްލަ 2،304،200 ސިނގިރޭޓް ސްޓިކެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެއަށް ގެނައި ޝިޕްމެންޓެއްގައި ފޮރުވައިގެން ސިނގިރޭޓް އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި މައުލޫމާތަށް ބިނާކޮށް ކަސްޓަމްސްއިން ވަނީ މި މެއި 14 އަދި 15 ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ، އަތުލައިގަނެވުނު ސިނގިރޭޓްތަކަށް ޑިއުޓީގެ ގޮތުގައި އެކަނިވެސް 18.7 މިލިއަން ރުފިޔާ ދައްކަންޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި މީގެ އިތުރުން، ގަވާއިދާ ހިލާފަށް މި ތަކެތި އެތެރެކުރަން އުޅުނު ފަރާތް 2.05 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. 
މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކަކީ ކޮބައިކަން އަދި ކަސްޓަމްސްއިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ވަގަށް ސިނގިރެޓް އެތެރެކުރުން އިތުރުވީ ރައީސް މުހައްމަދު މުއިއްޒު ދުންފަތާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ބޮޑުކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ