ޣައްޒާއަށް އެހީ ހިފައިގެންދާ "ގްލޯބަލް ސުމޫދު ފްލޮޓިލާ"ގެ ބޯޓުތައް، އިސްރާއީލުން ކަނޑުފޭރިގެންފި

މެޑިޓަރޭނިޔަން ކަނޑު (18 މެއި 2026): އިސްރާއީލުން ހިސޯރުކޮށް ހާލުގައި ޖައްސާފައިވާ ޣައްޒާގެ އާންމުންނަށް އިންސާނީ އެހީގެ ތަކެތި ހިފައިގެން ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ އުޅަނދުތަކާ ދެކޮޅަށް އިސްރާއީލުން ކަނޑުފޭރުމުގެ އަމަލުތަކެއް ހިންގައިފިއެވެ. "ސުމޫދު ފްލޮޓިލާ" ގެ ފަރާތުން ވާހަކަ ދެއްކެވި ތަރުޖަމާނަކު ވިދާޅުވީ އިސްރާއީލު ސިފައިން އެ ފްލީޓްގެ ބޯޓުތައް މެޑިޓަރޭނިޔަން ކަނޑުގެ ބައިނަލްއަގްވާމީ ސަރަހައްދުގައި ދަތުރުކުރަނިކޮށް އިސްރާއީލުގެ ސިފައިން އެ ބޯޓުތައް ހުއްޓުވައި، އެ ބޯޓުތަކަށް އަރައިގަނެ، އޭގައިވާ ފަޅުވެރިންގެ ތެރެއިން 100 މީހުން ހައްޔަރުކޮށްފައިވާ ކަމުގައެވެ. އަދި އެ ފްލީޓްގެ އުޅަނދުތައް ޣައްޒާއަށް ދިޔުން މަނާކޮށް އެހީގެ ތަކެއްޗަށް ގެއްލުންދީ ބައެއް ތަކެތި ކަނޑަށް އުކާލައި، އެ ފްލީޓްގެ ދަތުރުގެ މިސްރާބު ބަދަލުކުރުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އިސްރާއީލުގެ މީޑިއާ ބުނާ ގޮތުން ޔަހޫދީ ސިފައިން "ސުމޫދު ފްލޮޓިލާ" ގެ ބޯޓުތަކަށް އަރައިގަނެ އެ ބޯޓުތަކުގެ ފަޅުވެރިންގެ ތެރެއިން 100 މީހަކު ހައްޔަރުކުރީ އެ ބޯޓުތައް ސައިފްރަސްއާ ކައިރިވަމުން ދަނިކޮށެވެ. "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަކީ ޣައްޒާގައި އިސްރާއީލުން ބަނޑަށް ޖައްސާފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭހާއި އެ ނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށްޓަކައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ގުޅިގެން ދުނިޔޭގެ ފެންވަރުގައި ފެށި ދެމެހެއްޓެނިވި ހަރަކާތެކެވެ. މި ހަރަކާތުގައި ދުނިޔޭގެ އެތަށް ގައުމަކުން އެތަށް ސަތޭކަ ވޮލަންޓިއަރުން ބައިވެރިވެއެވެ. މި ހަރަކާތުގެ މައި މަރުކަޒަކީ ސްޕެއިންއެވެ. ޣައްޒާގައި އިސްރާއީލު ހާލުގައި ޖައްސާފައިވާ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށްޓަކައި "ސުމޫދު ފްލޮޓިއްލާ" ގެ ތިން ފްލީޓެއް ޣައްޒާއަށް ދިޔުމަށްޓަކައި މީގެ ކުރިން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އިސްރާއީލު ވަނީ މި ތިން ފްލީޓުގެ ބޯޓުތަކަށް ހަމަލާދީ ކަނޑުފޭރުމުގެ އަމަލުތައް ހިންގައި އޭގެ ފަޅުވެރިން ހައްޔަރުކޮށް ޖަލަށްލައި އޭގައިހުރި ބޭހާއި ކާބޯތަކެތި ކަނޑަށް ފައްތާފައެވެ. މިއީ "ސުމޫދު ފްލޮޓިއްލާ" ގެ ބޯޓުތައް ޣައްޒާއަށް ދާން މަސައްކަތްކުރާ ހަތަރު ވަނަ ފަހަރެވެ. މިފަހަރު އެފްލީޓްގެ ބޯޓުތައް ފުރާފައިވަނީ ތުރުކީގެ މަރުމަރާ (މާމަރިސް) ސިޓީން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ