ބަންދުގައި ތިބި އަދަދުގެ ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިންގެ ހާލު އެޗްއާރުސީއެމްއިން ބަލައިފި

ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެގެން ހައްޔަރުކޮށް، ހުކުމް ތަންފީޒު ކުރަމުންދާ އަދަދު ނޫހުގެ ދެ ނޫސްވެރިންނާއި، މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންނާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބައްދަލުކޮށްފިއެވެ.
މިކަމާ ގުޅިގެން އެޗްއާރްސީއެމް އިން ބުނީ ކްރިމިނަލް ކޯޓުން 10 މޭ 2026 ގައި ނެރުނު އަމުރާ ހިލާފުވުމާ ގުޅިގެން ބަންދުކޮށްފައިވާ ދެ ނޫސްވެރިންނާއި މުޒާހަރާތަކުން ހައްޔަރުކުރި މީހުންގެ ގާތަށް ކޮމިޝަނުގެ ޓީމުތަކުން ޒިޔާރަތްކޮށް އެމީހުންގެ ހާލަތު ވަރަށް ގާތުން ބަލާފައިވާ ކަމަށެވެ.
މީގެއިތުރުން އެ ފަރާތްތަކުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ތަހުގީގު ކުރަންޖެހޭ ކަންކަން ކޮމިޝަނުން ތަހުގީގުކުރުމަށް ނިންމާފައިވާކަމަށް ވެސް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.
މި ދެ ނޫސްވެރިންނަށް ފިޔަވަޅު އަޅާފައިވަނީ މާރިޗު މަހުގެ 28 ވަނަ ދުވަހު އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓުން ނެރެފައިވާ 'ގެގް އޯޑަރު' ނުވަތަ އެ މައްސަލައާ ގުޅޭގޮތުން އެއްވެސް މިންވަރަކަށް ވާހަކަދެއްކުން މަނާކުރާ އަމުރާ ހިލާފުވި ކަމަށް ބުނެއެވެ.
މީގެ ތެރެއިން ޝަހުޒާނަށް ފިޔަވަޅު އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. އެ ސުވާލާ ގުޅިގެން އޭނާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުން ނެރެފައެވެ. އަދި އޭގެ ފަހުން ރައީސް އޮފީހުން ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމަކަށް 'އަދަދު' ނޫހަށް ނުވަދެވޭނެ ގޮތަށް ވަނީ މަނާކޮށްފައެވެ. ލީވާން ހައްޔަރުކުރީ ކުރީ އޭނާ ލިޔުނު ހަބަރަކާ ގުޅިގެންނެވެ.
ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް ނިންމާ 15 ދުވަހަށް ޝަހުޒާން ޖަލަށް ލުމަށް ކޯޓުން ހުކުމްކުރިއިރު ލީވާން ޖަލަށް ލާން ހުކުމް ކުރީ 10 ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ