ރައީސް މުއިއްޒުގެ އެކައުންޓްތަކުގައި 1.8 މިލިއަން ރުފިޔާ

ރައީސް މުހައްމަދު މުއިއްޒުގެ މާލީ ބަޔާން މިއަދު އާންމުކުރި އިރު ތިން ބޭންކް އެކައުންޓްގައި ހުރީ 1.8 މިލިއަން ރުފިޔާކަން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސްގެ މަގާމުގައި ހުންނަވާއިރު މިލްކިއްޔާތުގައިވާ މުދަލާއި ފައިސާ އަދި މަސްލަހަތުތަކާއި އަރަންޏާއި ދަރަނީގެ ހިސާބުތައް ހިމެނޭ މާލީ ބަޔާނެއް ކޮންމެ އަހަރަކު އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވަން ޖެހެ އެވެ.
ތަފްސީލް - މިއަދު އާންމުކުުރި ރައީސް މުއިއްޒުގެ މާލީ ބަޔާންގައި ވާ ގޮތުން، ފާއިތުވި ހަ މަސް ދުވަހު އާމްދަނީގެ ގޮތުގައި ޖުމްލަ 420،000ރ ލިބިވަޑައިގަތެވެ. އެއީ:
މުސާރައިގެ ގޮތުގައި 285،024ރ. 
ހުޅުމާލޭ ރޯހައުސްއިން ކުލީގެ ގޮތުގައި 240،000ރ.  
މ. ފިގް އިން 180،000ރ. އެއީ އާއިލާގެ ފަރާތުން ހަދިޔާކުރި ފައިސާ ކަމަށް ބަޔާނުގައިވޭ
މިލްކިއްޔާތުގައި ހުރި މުދަލުގެ ގޮތުގައި މި ބަޔާނުން ދައްކަނީ:
ވާރުތައިން ލިބިފައިވާ މާލޭގައި ހުންނަ މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތު
ހއ. ވަށަވަރުގައި އޮތް ދިމްޔާތު ކިއުނު 150،000ރ. ގެ އަގުހުރި ބިމެއް 
5.9 މިލިއަން ރުފިޔާގެ އަގުހުރި ހުޅުމާލެ އެމްބާ ޓެރެސް 2ގެ ރޯ ހައުސްއެއް
މ. ފިގް އިން ހިބައިން ލިބިފައިވާ ބައެއް
260،000ރ. ގެ ކާރެއް
މި މާލީ ބަޔާން އާންމުކުރުމާ ހަމަޔަށް އެމަނިކުފާނުގެ ތިން ބޭންކު އެކައުންޓްގައި ޖުމްލަ ހުރީ 1.8 މިލިއަން ރުފިޔާ ކަން ވެސް ބަޔާނުން އެނގެ އެވެ. އެއީ:
ބީއެމްއެލް ކަރަންޓް އެކައުންޓް - 184،845.52ރ.
ބީއެމްއެލް ސޭވިން އެކައުންޓް - 1.7 މިލިއަން ރުފިޔާ
އެމްއައިބީ ސޭވިން އެކައުންޓް - 1،000ރ.
ރައީސް މުއިއްޒުގެ ނަމުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީގައި ލޯނެއް އޮތް ކަމަށް ވެސް ދައްކަ އެވެ. އެ ލޯނުގެ ޖުމްލަ އަދަދެއް ނެތެވެ. އޮތީ ބާކީ ދައްކަން ޖެހޭ އަދަދެއްގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ކަމަށެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް މިދިޔަ ހަ މަސް ތެރޭގައި އާމްދަނީގެ ގޮތުގައި ޖުމްލަ 282،926ރ. ލިބިވަޑައިގަތެވެ. އެއީ:
ފަސްޓް ލޭޑީ އެލަވަންސްއަށް - 199،999ރ.
ދިމްޔާތު ކުންފުނިން މުސާރައިގެ ގޮތުގައި 78،000ރ. 
ހެލުތު މިނިސްޓްރީގެ ކޮންސަލްޓަންްޓުގެ މުސާރައިގެ ގޮތުގައި 4،927ރ.
އެކަމަނާގެ ދަރަންޏެއް އޮތް ކަމަކަށް ނުދައްކަ އެވެ.
އެނގުން މުހިންމު - ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުގެ މާލީ ބަޔާން ވެސް މިއަދު ވަނީ އާންމުކޮށްފަ އެވެ. އެމަނިކުފާނުގެ މާލީ ބަޔާން ދައްކާ ގޮތުން:
ވޭތުވެދިޔަ ހަ މަސް ދުވަހުގެ އާމްދަނީ އަކީ 314،664ރ.
މިލްކިއްޔާތުގައި އެއްވެސް މުދަލެއް، ފައިސާއެއް ވެސް ނެތް
އަނބިކަނބަލުންނަށް އާމްދަނީގެ ގޮތުގައި އެއްޗެއް ލިބޭ ކަމަކަށް ނެތް
ބީއެމްއެލްގެ އެކައުންޓުގައި ހުރީ 8،390ރ އާއި 61 ޑޮލަރު 
އެމްއައިބީގައި ހުރީ 39ރ. އަދި 397 ޑޮލަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ