ކޮނޑޭގެ އިންތިހާބު ކޯޓުން ބާތިލްކޮށްފި

މިދިޔަ މަހުގެ 18 ވަނަ ދުވަހު ގއ. ކޮނޑޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ބާތިލްކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިންތިހާބުގައި ހަ ވަނަ ލިބި ނާކާމިޔާބީއާ ކުރިމަތިވި އަލީ އިބްރާހިމް ކުރި ދައުވާއާ ގުޅިގެން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ކޮނޑޭގައި އިންތިހާބު ބޭއްވުމުގައި އިލެކްޝަންސް ކޮމިޝަނުން އިންތިހާބާ ބެހޭ ގާނޫނުގެ 36 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށެވެ.
އަލީ އިބްރާހީމް ހައި ކޯޓުގައި ދައުވާކުރީ އެ އިންތިޚާބުގައި ކޮނޑޭ ކައުންސިލަށް ވޯޓުލާންޖެހޭ އުމުރުން 84 އަހަރުގެ މުސްކުޅި ފިރިހެނަކަށް އޮޅުމަކުން ގއ. ދާންދޫ ކައުންސިލަށް ވޯޓު ލެވުނު މައްސަލައިގަ އެވެ. ފަސް ވަނަ އަށް ދިޔަ ކެންޑިޑޭޓުންނާ އޭނާއާ ދެމެދު ހުރީ އެންމެ ވޯޓެއްގެ ތަފާތެވެ.
ފަނޑިޔާރު އައްބާސް ޝަރީފާއި އަބްދުﷲ ހަމީދުގެ އިތުރުން އަލީ ސަމީރު ބެއްލެވި މައްސަލާގައި ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ މޫސާ އީސާ އަށް ގާނޫނު އަސާސީން ލިބިދީފައިވާ ވޯޓު ދިނުމުގެ ހައްގުން މަހުރޫމްވުމުގެ އިތުރުން އެ އިންތިހާބުގެ ނަތީޖާ އަށް އަސަރު ފޯރައި ނަތީޖާ ބަދަލުވެދާނެ ފަދަ ހާލަތެއް ވުޖޫދުގައިވާ ކަމަށެވެ.
މިދިޔަ މަހު ބޭއްވި ކޮނޑޭ ކައުންސިލް އިންތިހާބުގައި ފަސް ވަނަ އަށް ދެ ކެންޑިޑޭޓަކަށް އެއް ވަރަށް ވޯޓު ލިބިފައިވެ އެވެ. އެ ދެ ކެންޑިޑޭޓުންނަށް 88 ވޯޓު ލިބުނު އިރު ހަވަނަ އަށް ދިޔަ އަލީ އިބްރާހީމަށް ލިބިފައިވަނީ 87 ވޯޓެވެ. ފަސް ވަނަ ކެންޑިޑޭޓުންގެ މެދުގައި މި މަހުގެ 15 ވަނަ ދުވަހު އިންތިހާބުގެ ދެ ވަނަ ބުރެއް ބޭއްވުމަށް އިލެކްޝަނުން ކުރިން މަސައްކަތްކުރި ނަމަވެސް، އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ އިންތިހާބު ވަނީ ފަސްކޮށްފަ އެވެ. އަދި ނުބައި ކަރުދާސްކޮޅު ދިން ފަރާތްތަކުގެ މައްސަލަ ބަލަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ