ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ ކޮންމެ ރަށެއްގައި ވެސް މާބަނޑު މީހާ އަށް ރަނގަޅަށް ވިހޭނެ އިންތިޒާމްތައް ހަމަޖައްސައިދެއްވާނެ ކަމަށް ޖުމްހޫރި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ އަންހެނުން އިންތިޒާމްކޮށްގެން މ. ކްނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އަންހެނުންނަކީ ތަރައްގީގައި ބޮޑު ހިއްސާއެއްވާ ބައެއް ކަމަށާއި ގައުމެއް ތަރައްގީކުރެވޭނީ އަންހެނުން ތަރައްގީކޮށްގެން ކަމަށެވެ. އަންހެނުންނަކީ ހަމައެކަނި ގޭގައި ކައްކަން ތިބޭ ބަޔަކަށް ހެދުމުގެ ބަދަލުގައި އިގްތިސާދުގައި އެ މީހުންގެ ހިއްސާ ބޮޑުކުރުން މުހިންމު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގެ ސިއްހީ ހިދުމަތަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ ރާއްޖޭގައި ބޭހާއި ސާމާނު ވެސް މިހާރަށް ވުރެ އަގު ހެޔޮކޮށް ގަންނަން ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށާއި މިހާރު ބައެއް ކުންފުނިތަކުން ބޭހާއި ސާމާނު ވިއްކަނީ 400 ޕަސެންޓްގެ ބޮޑު ފައިދާއެއް ލާފައި ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ފާމަސިސްޓަކު ހުންނަންޖެހޭ ގޮތަށް ނިޒާމް ބައްޓަންކޮށްފައިވާތީ ވެސް އޭނާ ވަނީ ފާޑުވިދާޅުވެފަ އެވެ.
ގާސިމް ވިދާޅުވީ ބޭރުގެ ގައުމުތަކުގައި ބޭސް ލިޔަނީ ޑޮކްޓަރު ކަމަށާއި އެ ބޭސް ސިޓީ ނަރުހެއްގެ އަތަށް ދިނުމުން ބަލިމީހާ އަށް އިތުރު ތަނަކަށް ނުގޮސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަ ކަމަށެވެ. އަދި މިހާރު ކުރައްވާ ބައެއް ދަތުރުތަކުގައި ބައެއް ރަށްރަށުގެ އަންހެނުން ބޭހަށް ސަލާން ޖަހާތަން ފެނުމުން ހިތާމަކުރައްވާ ކަމަށާއި އެފަދަ ރަށްރަށަށް މިހާރު ވެސް އެހީ ފޮނުވުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ބޮޑު ބައްޔެއް ޖެހިގެންދާ މީހާ އަށް ވެސް ފަރުވާ ނުދެވި ނުހުންނާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރާނެ ގޮތް އެހެން މީހުންނަށް ނޭނގުނަސް އެކަން ކުރާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެން ރޭތަކެކޭ އެއްގޮތަށް ގާސިމް ރޭ ވެސް ވަނީ ގިނަ ވައުތުތަކެއް ވެވަޑައިގެންފަ އެވެ. މި ގޮތުން ގާސިމްގެ ވެރިކަމެއްގައި ރާއްޖޭގައި ވަޒީފާ ނެތް އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވެސް ނުޅޭނެ ކަމަށް ވިދާޅުވި އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވެފައި ވަނީ ވެސް ކޮންމެ ވެސް ބަޔަކު ނާޖާއިޒް ފައިދާ ނަގާތީ ކަމަށް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ގިނަ އަންހެނުންތަކެއް ވާހަކަ ދައްކާފައިވާ އިރު ގާސިމް މިހާތަނަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ވެސް ވަނީ ދައްކައިފަ އެވެ. މި ވައުދުތަކުގެ ތެރޭގައި އަހަރަކު 100 މަސް ދޯނި ދޫކުރުމާއި ގޭގެ އަށް އިންޓަނެޓް ފޯރުކޮށްދިނުމާއި ކިޔަވާކުދިންނަށް ލެޕްޓޮޕް ހޯދައިދިނުމާއި ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް އެޅުމާއި ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލްތައް އެޅުން ފަދަ ވައުދުތައް ހިމެނެ އެވެ.
ގާސިމަށް ތައުރީފުކޮށްފައިވާ ލަވަތަކާއި ނެށުމާ އެކު ކުރިއަށް ދިޔަ މި ޖަލްސާގައި ޖޭޕީއާ އަލަށް ގުޅުނު ބައެއް ފަރާތްތަކުގެ ފޯމް ހުށަހެޅުން ވެސް އޮތެވެ.
ކޮންމެ ރަށެއްގައި ވެސް ރަނގަޅަށް ވިހޭނެ ގޮތް ހަދައިދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ