ގާސިމް މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަނުގައި ބޮޑުފޮޅުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފި

ޖުމުހޫރީ ޕާޓީގެ ލީޑަރު މިނިވަން ކުރުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި އއ ބޮޑުފޮޅުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފިއެވެ.
ޖުމުހޫރީޕާޓީގެ ބޮޑުފޮޅުދޫ ގޮފީގެ ރައީސް ޚާލިދު އާދަމް ވިދާޅުވީ، ޤާސިމް އިބުރާހިމް މިނިވަން ކުުރުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި އެރަށުން އެކަނިވެސް މިހާތަނަށް 112 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށެވެ.
ބޮޑުފޮޅުދޫގެ އިތުރުން އެރަށާއި ކައިރި އެހެން ރަށްތަކުގައިވެސް ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށާއި، ޕެޓިޝަންގައި ސޮއިކުރުން ނިންމާލުމަށް ފްރީ ގާސިމް ކެމްޕޭން ޓީމުން ކަނޑައަޅާ ވަގުތަކާއި ހަމައަަށް އެރަށުގައިވެސް އެހަރަކާތް ކުރިޔަށް ގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޖުމުހޫރީ ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް މިހާރު ޖޭޕީގެ މެމްބަރުން ށ އަތޮޅަށް ކުރަމުން ގެންދާ ދަތުރުގެ ތެރެއިން ށ ނޫމަރާގައިވެސް މިއަދު ވަނީ، މިޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.
މިދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ޖުމުހޫރީ ޕާޓީގެ ގއ ވިލިނގިލީ ގޮފީގެ ރައީސް މުހައްމަދު މުޖުތަބާ ވިދާޅުވީ، ޖޭޕީގެ ޓީމު މާދަމާ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ފޯކައިދޫއަށް ކަމަށެވެ. އަދި އެރަށުގައިވެސް ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ހަރަކާތްތަކާއިއެކު ޕެޓިޝަނުގައި ސޮއިކުރުން ކުރިޔަށްދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޤާސިމް އިބުރާހިމް މިނިވަން ކުރުމަށް ގޮވާލައި ތައްޔާރުކުރާ މިޕެޓިޝަނަކީ މާމިގިލީ ރައްޔިތުން އިސްވެ ފެށި މަސައްކަތެކެވެ. މިޕެޓިޝަނުގައި ސޮއިކުރުމަށް އާއްމުކޮށް އެންމެންނަށް ވަނީ ހުޅުވާލާފައެވެ. މިޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ފްރީ ގާސިމް އިވެންޓް ކޯޑިނޭޓަރު ޝިހާމް މުހައްމަދު ވިދާޅުވީ އިއެްޔެގެ ނިޔަަލަށް 2000 ވުރެ ގިނަ މީހުން މިޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށެވެ.
މާމިގިލީ ރައްޔިތުން އިސްވެ ތައްޔާރުކުރާ މި ޕެޓިޝަންގައި މިހާތަނަށް މާމިގިލިން އެކަނިވެސް 1000 އަށް ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް ޝިހާމް ވިދާޅުވިއެވެ.
މާމިގިލީ ރައްޔިތުން އިސްވެ ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމަށް ތައްޔާރު ވަމުންދާ މިޕެޓިޝަނުގައި ބުނެފައިވަނީ، ޤާސިމް އިބްރާހީމަކީ، ރާއްޖޭގެ ރައްޔިތުންގެ ތާއީދާއި ލޯބި ހޯއްދަވައި، އެމަނިކުފާނުގެ މަދަދާއި އެހީތެރިކަމުގައި ދިވެހި އެތަކެއް ރައްޔިތުންނަަށް ތަފާތު އެކި ރޮނގުރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައެވެ. އަދި އެމަނިކުފާނަކީ، ދިވެހި ޤައުމުގެ ލާބަޔާއި މަންފާއަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްގައި ފަސްނުޖެހި ކުރިޔަށް ވަޑައިގަންނަވާ ބޭފުޅެއް ކަމުގައި އެޕެޓިޝަނުގައި ބުނެފައި ވެއެވެ.
މީގެ އިތުރަށް އެމަނިކުފާނަކީ 2008 ވަނަ އަހަރު ތަސްދީޤު ކުރެވުނު ފެހި ޤާނޫނުއަސާސީން ދިވެހިންނަށް އެތައް ހައްޤުތަކެއް ހޯއްދަވައިދެއްވުމުގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅަކަށްވީ ހިނދު، އެ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދިން ހައްޤުތައް ބީވެގެން ދިއުމަކީ މިއަދު އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައިވެސް ޕެޓިޝަނުގައި ބުނެފައި ވެއެވެ.
އަދި ޤާސިމް އިބުރާހިމާއިމެދު ކަމާއިބެހޭ ފަރާތްތަކުން އަމަލު ކުރަމުންދަނީ އިންސާފުން ނޫންކަން ފާހަގަކޮށް، ޤާސިމް އިބްރާހިމްފަދަ ޚިދުމަތްތެރިއަކު ޖަލުގައި ބަންދުކޮށް ބޭއިންސާފުން ކުރަމުންގެންދާ ކަންކަން ހުއްޓާލުމަށާއި، އެމަނިކުފާނު މިނިވަންކޮށް ދޫކޮށްލުމަށް ގޮވާލާ ކަމުގައި ޕެޓިޝަނުގައި ބުނެފައި ވެއެވެ.
މިޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށައަޅުއްވާނީ ޖުމުހޫރީ ޕާޓީގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބުރާހިމް ހަސަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ