ޕީޕީއެމްގެ ރައީސް ކަމަށް މައުމޫން ހޮވައިފި

ޕީޕީއެމްގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ހަމައެކަނި މައުމޫން އަބްދުލްގައްޔޫމް ކަމަށް ވާތީ، އެ މަގާމަށް އެމަނިކުފާނު އިންތިހާބަކާ ނުލައި ހޮވިވަޑައިގެންފި އެވެ.
ދަރުބާރުގޭގައި މިހާރު ހިނގަމުންދާ އެ ޕާޓީގެ ކޮންގްރެސްގައި ކުރީގެ ރައީސް، އަދި އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އެ މަގާމަށް ހޮވި ވަޑައިގަތްކަން އިއުލާންކޮށްފައި ވަނީ މިއަދު މެންދުރުފަހު އެވެ. މި މަގާމަކަށް އެންމެ ބޭފުޅަކު ކުރިމަތިލައްވާފައި ވާތީ ވޯޓު ނަގަން ނުޖެހޭކަން ވަނީ އިއުލާންކޮށްފަ އެވެ.
މައުމޫންގެ އިތުރުން، އަންހެނުންގެ ގޮފީގެ ރައީސް ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ވެސް ވަނީ އިންތިހާބުވެ ވަޑައިގެންފަ އެވެ. އެ މަގާމަށް ވެސް އިތުރު ބޭފުޅަކު ކުރިމަތިލައްވައިފައެއް ނުވެ އެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި މިހާރު ވަނީ ކައުންސިލްގެ ގޮނޑިތަކަށާއި ނައިބު ރައީސްކަމުގެ ގޮނޑި އަށް ވެސް ބޭފުޅުން އައްޔަން ކުރުމަށް ވޯޓު ލައިފަ އެވެ. އެ ވޯޓުތައް މިހާރު އަންނަނީ ގުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ