ޖޫން މަހު ޕީޖީ އޮފީހަށް 228 މައްސަލައެއް ބަލައިގަތް
ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ޖުމްލަ 228 މައްސަލައެއް ބަލައިގެންފައިވާކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަދު އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މެއި މަހާ އަޅާބަލާއިރު ޖޫން މަހު ބަލައިގަތް މައްސަލަތަކުގެ އަދަދު ވަނީ 59.4 އިންސައްތަ އިތުރުވެފައެވެ. ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޖޫން މަހުގެ ތެރޭގައި ޖުމްލަ 265 މައްސަލައެއްގައި ދައުވާ ކުރުމަށް ކޯޓުތަކަށް ވަނީ ފޮނުވާފައެވެ. މިއީ މެއި މަހު ދައުވާ ކުރުމަށް ހުށަހެޅި 263 މައްސަލައާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މީގެ އިތުރުން، ކޯޓުތަކުގައި ކުރިއަށްދިޔަ ޝަރީޢަތްތަކަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުވި މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މެއި މަހު 1150 އަޑުއެހުމަކަށް ހާޒިރުވެފައިވާއިރު، ޖޫން މަހު އެ އަދަދު ވަނީ 1207 އަށް އަރާފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެންމެ ބޮޑަށް އިތުރުވެފައިވަނީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ތަހުޤީޤީ އިދާރާތަކަށް މައްސަލަތަކުގައި ލަފާދިން މިންވަރެވެ. މެއި މަހު 447 މައްސަލައެއްގައި ލަފާދީފައިވާއިރު، ޖޫން މަހު 683 މައްސަލައެއްގައި ޕީޖީ އޮފީހުން ވަނީ ލަފާދީފައެވެ. މިއީ ގާތްގަނޑަކަށް 52.7 އިންސައްތައިގެ އިތުރުވުމެކެވެ. https://x.com/PGO_MV/status/2078715009639833600?s=20 ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ އެ އޮފީހުގެ މަސައްކަތްތައް ހަރުދަނާކޮށް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން ބައެއް ބާވަތުގެ މައްސަލަތަކުގައި ތަހުގީގު އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮސެކިއުޝަން ޓީމުތަކެއް އެކުލަވާލާފައިވާކަން އެ އޮފީހުން ފާހަގަކުރެއެވެ. މީގެ އިތުރުން، ތަފާތު އިދާރާތަކާ ގުޅިގެން މައްސަލަތައް ހުށަހެޅުމުގައި ހުންނަ ހުރަސްތައް ނައްތާލުމަށާއި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަތައް އަވަހަށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ޕީޖީ އޮފީހުން ދަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ