ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެ ޕާޓީން ވަކިކުރި މައްސަލައިގައި ޑީއާރުޕީއާ ދެކޮޅަށް ސިވިލް ކޯޓުގައި އުމަރު ކުރެއްވި ދައުވާ އޭނާ މިއަދު އަނބުރާ ގެންދަވައިފި އެވެ.
އެ މައްސަލައިގައި އުމަރު ކުރެއްވި ދައުވާގައި އެދިވަޑައިގެންފައި ވަނީ އޭނާ އެ ޕާޓީން ވަކިކުރުމަށް ނިންމި ނިންމުން ބާތިލްކޮށްދިނުމަށެވެ.
އެ މައްސަލަ އުމަރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ޑީއާރުޕީގެ ފަރާތުން ވަނީ ކޯޓުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިޖްރާއީ ނުކުތާއެއް ނަގައިފަ އެވެ. ނަމަވެސް އެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި އެ ނިންމުމަށް ހައި ކޯޓުން ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ތާއީދުކޮށްފަ އެވެ.
އުމަރު މިއަދު ވިދާޅުވީ އެ ދައުވާ އަނބުރާ ގެންދެވީ ދައުވާ ހުށަހަޅާފައި އޮތީ މަގާމު އަނބުރާ ހޯދުމަށް ކަމަށް ވެފައި އެ މަގާމު މިހާރު ބޭނުންވެ ވަޑައިނުގަންނަވާތީ ކަމަށާއި ސަބަބަކީ ޑީއާރުޕީއަކީ މިހާރު މާ ކުޑަ ޕާޓީއަކަށް ވާތީ ކަމަށެވެ.
ޑީއާރުޕީގެ ތެރޭގައި ހިނގި ހިޔާލު ތަފާތުވުންތަކުގައި އެ ޕާޓީގެ ބައެއް އިސްވެރިންނާއި އެ ޕާޓީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެން ޕީޕީއެމްގެ ނަމުގައި ޕާޓީއެއް އުފައްދަވައިފަ އެވެ. އުމަރު މިހާރު ހުންނެވީ ޕީޕީއެމްގެ ވަގުތީ ނައިބު ރައީސްގެ މަގާމުގަ އެވެ.
ޑީއާރުޕީއާ ދެކޮޅަށް އުމަރު ކުރެއްވި ދައުވާ އަނބުރާ ގެންދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ