ސްޓޭމްޕް ޖެހުމުގެ އުސޫލު 42 އަހަރަށް ފަހު ސުޕްރީމް ކޯޓުން ބަދަލުކޮށްފި

އަމިއްލަ އެގްރިމަންޓްތައް ކޯޓުގައި ރަޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން ރެވެނިއު ސްޓޭމްޕް ޖަހަމުން އައި އުސޫލަށް 42 އަހަރަށް ފަހު ސުޕްރީމް ކޯޓުގެ ސިޓީއަކާ ގުޅިގެން ބަދަލު ގެނެސްފި އެވެ.
ލޯނުތަކާ ގުޅިގެން ކޯޓުގައި ރަޖިސްޓްރީކުރުމަށް މީގެ ކުރިން ހުށަހަޅާ މޯގޭޖް އެގްރިމެންޓްތަކުގައި މީގެ ކުރިން ސްޓޭމްޕް ޖަހަމުން ގެންގޮސްފައި ވަނީ ފައިސާ ހިމެނޭ މުއާމަލާތެއް ކަމަށް ބަލައި، އެ މޯގޭޖްގެ އަގަށް ބަލައިގެންނެވެ. އެއީ 1970 ވަނަ އަހަރު އަމަލުކުރަން ފެށި އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ މާއްދާގައި ބުނަނީ އެގްރިމެންޓެއްގައި ފައިސާ ހިމެނިފައިވާ ކަމަކަށްވާ ނަމަ، އެ ފައިސާގެ އަދަދު 500ރ. އަށް ވުރެ ބޮޑު ނުވާ ނަމަ ޖަހަން ޖެހޭނީ ފަސް ރުފިޔާގެ ސްޓޭމްޕެއް ކަމަށެވެ. ފައިސާގެ އަދަދު 500ރ. އާއި 5،000ރ. އާ ދެމެދުގައިވާ ނަމަ ޖަހާނީ 15ރ.ގެ ސްޓޭމްޕެކެވެ. އަދި 5،000ރ. އިން 10،000ރ. އާ ދެމެދުގެ އަދަދެއް ނަމަ 25ރ.ގެ ސްޓޭމްޕެކެވެ. މި އަދަދަށް ވުރެ ދެން އިތުރުވާ ކޮންމެ 100ރ. އަކަށް 50ލ. ގެ ސްޓޭމްޕް ޖަހަން ޖެހޭނެ އެވެ.
ނަމަވެސް މިދިޔަ މަހުގެ 10 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފޮނުއްވި އާންމު ސިޓީއެއްގައި ވިދާޅުވެފައި ވަނީ މުދަލަކާ ބެހޭ މުއާމަލާތެއްގެ ލިޔުމަކަށްވާ ނަމަ އޭގައި ފައިސާ ހިމެނިފައި ވިޔަސް އަދި ފައިސާ ހިމެނިފައި ނުވިޔަސް އެ ލިޔުމެއްގައި ސްޕޭމްޕް ޖަހާނީ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ކަމަށެވެ. އެ މާއްދާގައި ބުނަނީ މުދަލާ ބެހޭ މައްސަލައެއް ކަމުގައިވާ ނަމަ އެ މައްސަލައެއްގައި ފައިސާ ހިމެނިފައި ވިޔަސް އަދި ނުވިޔަސް ޖަހަން ޖެހޭނީ 25ރ.ގެ ސްޓޭމްޕެއް ކަމަށެވެ. އަދި އެގްރިމަންޓްތަކާއި އެ ނޫން ލިޔުންތަކުގެ ތެރެއިން ފައިސާގެ މުއާމަލާތަކާ ބެހޭ ލިޔުމަކަށް ވިޔަސް ނުވަތަ ފައިސާގެ މުއާމަލާތެއް ނުހިމެނުނަސް ސްޓޭމްޕް ޖެހުމުގައި ރިއާޔަތްކުރަން ޖެހޭނީ ކޯޓުގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވާ ލިޔުމަށް އެކަނި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ސްޓޭމްޕް ޖެހުމުގައި، ރަޖިސްޓްރީކުރުމަށް ހުށަހަޅާ ލިޔުމެއްގައި ނުހިމެނޭ ކަމެއްގެ މައްޗަށް ރިއާޔަތް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"ސްޓޭމްޕް ޖަހަންޖެހޭ ގޮތް ގާނޫނުގައި ބަޔާންކޮށްފައި ވިޔަސް އިތުރަށް ސާފުކޮށްދޭންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރެއްވޭތީ" އުއްތަމަ ފަނޑިޔާރު ފޮނުއްވި ސިޓީއާ ގުޅިގެން، ލޯނުތަކާ ގުޅިގެން ރަޖިސްޓްރީކުރުމަށް ހުށަހަޅާ މޯގޭޖް އެގްރިމަންޓްތަކުގައި މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެން ޖަހާނީ 25ރ.ގެ ސްޓޭމްޕެކެވެ. އެކަމަކު މީގެ ކުރިން އެފަދަ އެގްރިމަންޓްތަކުގައި ސްޓޭމްޕް ޖަހަނީ މޯގޭޖްގެ އަގަށް ބަލައިގެންނެވެ.
ރެވެނިއު ސްޓޭމްޕް ވިއްކައިގެން މިދިޔަ އަހަރު ދައުލަތަށް ގާތްގަނޑަކަށް 38 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އަލަށް ގެނައި ބަދަލާ އެކު އެ އާމްދަނީގެ ބޮޑު ބައެއް އުނިވެގެން ދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ