މީހެއްގެ އައިޑީކާޑުގައިވާ އޭނާގެ އުފަން ތާރީޚުގެ ސައްހަކަމާ މެދު ސިވިލް ކޯޓުން ގޮތެއް ނިންމަންދެން އޭނާ އަދާކުރަމުންދާ ވަޒީފާ އިން ރިޓަޔާނުކުރުމަށް އަންގައި ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
އެ ކޯޓުން އެގޮތަށް އަމުރުކުރީ މާލޭ މުނިސިޕަލްޓީ ޚާއްސަ ދަފްތަރު 1183 ހައްވާ ޒާހިރާގެ އުފަން ތާރީޚުގެ ގޮތުގައި އޭނާގެ އައިޑީކާޑުގައިވާ 1949 ޖެނުއަރީ، 6 އަކީ ސައްހަ ތާރީޚެއް ނޫން ކަމަށާއި އޭނާގެ އުފަން ތާރީޚަކީ 1960 ޖެނުއަރީ، 6 ކަމަށް ކަނޑައަޅައި ދިނުމަށް އެދި އޭނާ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގަ އެވެ. އެ މައްސަލަ ކޯޓުގައި އޮއްވާ އޭނާ ވަޒީފާ އަދާކުރަމުންދާ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ މިއަދު އޭނާ އަށް 65 އަހަރުވާނެ ކަމަށް ބަލައި މިއަދުން ފެށިގެން އޭނާ އެ ވަޒީފާ އިން ރިޓަޔާކުރަން ނިންމައިފަ އެވެ. އެހެންވުމުން ޒާހިރާގެ ފަރާތުން އެފަދަ އަމުރަކަށް ކޯޓުގައި އެދުނީ އެވެ.
ސިވިލް ކޯޓުގެ ގާޒީ ހުސައިން މަޒީދު ސޮއިކުރައްވައި ނެރުނު އަމުރުގައިވަނީ އެ މައްސަލަ ކޯޓުން ނިމުމުގެ ކުރިން ޒާހިރާ ރިޓަޔާކޮށްފި ނަމަ އެކަމުން އޭނާ އަށް އިއާދަނުކުރެވޭނެ ގެއްލުމަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. އެހެންކަމުން ކޯޓުން އެނޫން ގޮތަކަށް އެންގުމުގެ ކުރިން ނުވަތަ މައްސަލަ ނިންމުމުގެ ކުރިން އައިޑީ ކާޑުގައިވާ އުފަން ތާރީޚަށް ބަލައިގެން އޭނާ ރިޓަޔާ ނުކުރުމަށާއި އެ ތާރީޚާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަސްޓަމްސަށާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަންގައި އަމުރުކުރާ ކަމަށް އެ އަމުރުގައިވެ އެވެ.
އައިޑީކާޑުގައިވާ އުފަން ތާރީޚު ސައްހަ ނޫން ކަމަށް ބުނެ މީގެ ކުރިން އެހެން ބައެއް މީހުން ވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެ އެވެ.
މީހެއްގެ އުމުރާ މެދު ކޯޓުން ގޮތެއް ނުނިންމަނީސް އޭނާ ރިޓަޔާ ނުކުރަން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ