ބަދަލުގެ ގޮތުގައި ނޫމަޑިއަށް 55 މިލިއަން ޑޮލަރަށްވުރެ ގިނައިން ސަރުކާރުން ދީފައިވޭ: އުޝާމް

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އަށް ބަދަލެއްގެ ގޮތުގައި ދައްކަން ޖެހުނު 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދައްކައި ހަލާސް ކޮށްފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު، އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ނޫމަޑިން ބަދަލު ދިނީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ޖެނުއަރީ 20، 2011 ގައި ސޮއިކުރި އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރުމަށް މެއި 30، 2013 ގައި ސޮއިކުރި އެއްބަސްވުން ގާނޫނާ ހިލާފަށް ކުރީ ސަރުކާރުން އުވާލި ކަމަށް ބުނެއެވެ.
އެ ދެ މައްސަލައިގައި ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅިއެވެ.
ނަމަވެސް ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް އެކުންފުންޏަށް 55 މިލިއަން ޑޮލަރު، ދެ ޕާމަންޓަކުން ދައްކައި ހަލާސް ކޮށްފައެވެ.
ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަކަށް ހުންނެވި އުޝާމް ވިދާޅުވީ، ނޫމަޑިއަށް ސަރުކާރުން ދީފައިވަނީ 55 މިލިއަން ޑޮލަރު ނޫން ކަަމަށެވެ.
އެގޮތުން ހުޅުމާލޭގައި ސިފައިންގެ ފުލެޓް އެޅުމަށް އެމްއެންޑީއެފް ސިފްކޯއިން އެޑްވާންސްގެ ގޮތުގައި ދިން ފައިސާގެ ތެރެއިން ސިފްކޯއަށް އަނބުރާ ދައްކަންޖެހޭ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި ބުނެފައިވާ 92 މިލިއަން ރުފިޔާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ނޫމަޑިއާއެކު ހެދި ސެޓެލްމަންޓް އެގްރިމަންޓުގައި ހިމަނާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
"އެހެންވީމަ ނޫމަޑިއަށް ބަދަލުގެ ގޮތުގައި ލިބުނު މިންވަރު 55 މިލިއަން ޑޮލަރަށްވުރެ މާ ބޮޑު. އެމްއެންޑީއެފް ސިފްކޯ ފްލެޓް ޕްރޮޖެކްޓަކީ ނޫމަޑިން ހުށަހެޅި އާބިޓްރޭޝަންއާ އެއްވެސް ގުޅުމެއް އޮތް ޕްރޮޖެކްޓެއް ނޫން،" އުޝާމްގެ ކުރެއްވި ދެ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
ނޫމަޑިއާ ގުޅޭ މައްސަލައެއް އުޝާމް ފެންމަތި ކުރެއްވިއިރު، އެކުންފުންޏާއެކު ހެދި ދެ އެއްބަސްވުން އުވާލައިފައިވަނީ މިދިޔަ ސަރުކާރުން، ހައުސިން މިނިސްޓަރު ކަމުގައި ޑރ. މުހައްމަދު މުއިއްޒު ހުންނަވަނިކޮށެވެ.
މިދިޔަ ބުދަ ދުވަހު މަޖިލީހަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ނޫމަޑިއަށް ސަރުކާރުން ބަދަލުދޭން ޖެހުނު މައްސަލައިގައި މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލަށް މައްސަލަ ފޮނުވައިދެއްވުމަށް އެދި އެޓާނީ ޖެނެރަލަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ