"ޑީއާރުޕީ ދެމިއޮތްހާ ދުވަހަކު ރައީސް މައުމޫނު ހިމާޔަތްކުރާނަން"
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އެންމެ ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ، "ދިވެހި ރައްޔިތުންގެ ޕާޓީ" (ޑީއާރްޕީ) އަބަދުވެސް ރައީސް މައުމޫނު ހިމާޔަތްކުރުންމަތީ ދެމި އޮންނާނޭ ކަމަށް އެޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ. ޑީއާރްޕީގެ ގައުމީ ޖަލްސާ އޯގަސްޓު މަހުގެ 9 އިން 11 އަށް ބާއްވާނޭކަން އިއުލާނު ކުރުމަށާއި އަދި ޕާޓީގެ އެހެންނިހެން ބައެއް ކަންތައްތައް މީޑީއާއާ ހިއްސާކުރުމަށް މިރޭ ސޯލްޓު ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކާނަލް ވިދާޅުވީ، ރައީސް މައުމޫނު ހިމާޔަތްކުރުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ޑީއާރުޕީން ވާނެ ކަމަށެވެ. "މި ޕާޓީއަކީ ރައީސް މައުމޫން އުފެއްދެވި ޕާޓީއެއް. އެހެންވީމަ މި ޕާޓީ ދެމިއޮތްހާ ދުވަހަކު ރައީސް މައުމޫން ހިމާޔަތް ކުރުމަށާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށް ކުރިމަތި ވެދާނެ އެންމެހާ ގޮންޖެހުންތަކުންނާ އަދި ހުދު އެމަނިކުފާނު ހިމާޔަތް ކުރުމަށްޓަކައި މި ޕާޓީއަށް ވެވުނު ކޮންމެ ގުރުބާނީއެއް އަބަދުވެސް އަޅުގަނޑުމެން ވާނަން،" ކާނަލް ވިދާޅުވި އެވެ. މިދިޔަ އަހަރުގެ މެދުތެރޭގައި ޑީއާރުޕީން ވަނީ ރައީސް މައުމޫނަށް އެޕާޓީގެ "ޒައީމް"ގެ ލަގަބު ދީފައެވެ. އެކަމާ ގުޅިގެން މައުމޫނު ވިދާޅުވެފައި ވަނީ، އެމަނިކުފާނަށް ޒައީމްގެ ލަގަބު ދެއްވީ ވަކި މަޝްވަރާތަކަކަށް ފަހު ނޫން ކަމަށާއި، އެބޭފުޅުން ކުރައްވާ އިހްތިރާމަކުން ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. ޒައީމްގެ ލަގަބު ދެއްވުމުން "އެކަން ހެޔޮހިތުން ގަބޫލުކުރަން" ކަމަށް މައުމޫން ވިދާޅުވި އެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުން 2005 ވަނަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ފާސްކުރުމާ ގުޅިގެން، އޭގެ 19 ދުވަސް ފަހުން ރައީސް މައުމޫނު ވަނީ ޑީއާރުޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ. ޑީއާރުޕީއަކީ ރާއްޖޭގައި އުފެދުނު ދެވަނަ ސިޔާސީ ޕާޓީއެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި "ޒައީމް" މައުމޫނު ޑީއާރުޕީގައި ހުންނެވި އިރު، އެޕާޓީގެ އޭރުގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ އެކު ޕާޓީގެ ޖަލްސާއެއްގައި -- ސަން ފައިލް ފޮޓޯ ޑީއާރުޕީ ތެރޭގައި އުފެދިގެންދިޔަ ހިޔާލުތަފާތުވުންތަކަކަށްފަހު، އެޕާޓީގައި ތިއްބެވި އެހެން ބޭފުޅުންނަށް ފުރުސަތު ދެއްވުމުގެގޮތުން އެ ޕާޓީގެ ފުރަތަމަ ލީޑަރު، ރައީސް މައުމޫނު އެޕާޓީ ދޫކޮށްލެއްވީ 2011 ވަނަ އަހަރު އެވެ. އަދި ހަމަ އެއަހަރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި ރައީސް މައުމޫން މިހާރު ހުންނެވީ މިއަދު ރާއްޖޭގެ ވެރިކަން ކުރަމުންދާ ޕާޓީގެ ލީޑަރުގެ ގޮތުގައެވެ. ޑީއާރްޕީގެ ލީޑަރުކަމަށް ކާނަލް ވަޑައިގެންނެވުމަށް ފަހު ޕާޓީގެ ބައެއް ކަންތައްތަކަށް ބަދަލުތަކެއް ގެންނެވުމަށް ނިންމަވައި އޭގެ ތެރޭގައި ޕާޓީގެ ލޯގޯ ބަދަލުކުރުމަށް އެޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރެވުނެވެ. އެހެން ނަމަވެސް މިރޭކާނަލް ވިދާޅުވީ، "ކުރިން އެގޮތަށް ވިސްނާފައި އޮތް ނަމަވެސް ލޯގޯ ބަދަލު ނުކުރަން ޕާޓީގެ ކައުންސިލުން ވަނީ ނިންމާފައި،" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ