ޕީޕީއެމް ފުވައްމުލަށް މޭޔަރުގެ ޓިކެޓް: ފަޒާދު ބަލިކޮށް ތޯރިގު ކާމިޔާބު ކޮށްފި

ފުވައްމުލަކު މޭޔަރުގެ މަގާމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް ބޭއްވި ޕްރައިމަރީ އަލީ ފަޒާދު ބަލިކޮށް ތޯރިގު އަހްމަދު ކާމިޔާބު ކުރައްވައިފި އެވެ. މިއަދު ބޭއްވި ޕީޕީއެމް ޕްރައިމަރީގައި އަލީ ފަޒާދަށް ލިބުނީ، 634 ވޯޓެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވި ތޯރިގު އަހުމަދަށް ލިބިލެއްވީ 892 ވޯޓެވެ. ފުވައްމުލަކުގެ ހަ އަވަށުގައި ބެހެއްޓި ވޯޓު ފޮށިތަކުން ފުނާޑް އާއި މާލެގަން ފިޔަވައި އަނެއް ހަތަރު އަވަށުގެ އަޣުލަބިއްޔަތު ނަގާފައިވަނީ ތޯރިގު އެވެ. މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ އަޣުލަބިއްޔަތު ލިބުނީ ވެސް ތޯރިގު އަށެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރުކަން ވެސް އަދާކޮށްފައިވާ ފަޒާދު 'ސަން' އަށް ވިދާޅުވީ ވޯޓުލުމުގައި އިދާރީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވި ނަމަވެސް ނަތީޖާ ގަބޫލު ކުރާ ކަމަށެވެ. އަދި ޕްރައިމަރީ ކާމިޔާބު ކުރެއްވި ތޯރިގަށް މަރުހަބާ ދަންނަވައި ކައުންސިލް އިންތިހާބުގައި އޭނާއަށް ތާއީދު ކުރައްވާނެ ކަން ވެސް ފަޒާދު ފާހަގަ ކުރެއްވި އެވެ. "ކެންޑިޑޭޓުންނާއި އާންމު މެންބަރުން ތައްޔާރުވާވަރާ ގާތަށް ވެސް ޕާޓީން ތައްޔާރެއް ނުވޭ. އެއީ ދެން ވަރަށް ދެރަކޮށް ދިމާވި ކަމެއް. ނަމަވެސް ނަތީޖާ ގަބޫލު ކުރަން،" ފަޒާދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ