މޯލްޑިވިއަނުން ރާއްޖެއާއި ލަންކާއާ ދެމެދުގެ ދަތުރުތައް އަލުން ފަށައިފި

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ސްރީ ލަންކާގެ ކޮލަމްބޯގެ ބަންޑާރަ ނައިކް އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ދަތުރުތައް އަލުން ފަށައިފިއެވެ.
މިދަތުރުތައް ރަސްމީކޮށް ފަށްޓަވައިދެއްވީ މިކަމަށްޓަކާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން އާއި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް އެވެ.
ދަތުރުތައް ފެށުމުގެ ގޮތުން ރޭ ވަނީ 20:09ގައި މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް 150 ފަސެންޖަރުންނާއެކު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލަންކާއަށް ފުރާފައެވެ. 
މި ދަތުރުތައް ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި އޮންނައިރު، އެ ފްލައިޓްތަކުގައި ދަތުރުކުރާ ފަރާތްތަކުގެ ބެޖެޓް އެލަވެންސްގެ ގޮތުގައި 30 ކިލޯ އަދި މީލް ފެކޭޖެއްވެސް ލިބިގެން ދާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. 
މޯލްޑިވިއަން އިން ކޮލްމްބޯއަށް ކުރާ ދަތުރުތަކަށް ދެކޮޅު ޓިކެޓް ފެށޭ އަގަކީ 165 ޑޮލަރެވެ.
މޯލްޑިވިއަންގެ ދަތުރުތައް އަލުން ފެށުން- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ
މިދަތުރުތައް ފެށުމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ދަތުރުތައް ފަށަނީ ގިނަ ލުއިތަކާއެކު ކަމަށެވެ. އެގޮތުން ދަތުރުތައް ރޭވިފައިވާ ގޮތުން ހަފްތާ ބަންދަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ދަތުރު ކުރެވޭނެކަމަށެވެ.
މީގެ އިތުރުން ބޭސްފަރުވާއަށް ލަންކާއަށް ދާ ދިވެހިންނަށް ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުން ފަނަރަ އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ