ޕްރޮޖެކްޓުތައް ލަސްވެގެންދަނީ ބަޖެޓުން ތަންނުދޭތީ: ސްޕޯޓްސް މިނިސްޓަރު

ސަރުކާރުން ހިންގާ ކުޅިވަރާ ގުޅޭ ބައެއް ޕްރޮޖެކްޓުތައް ލަސްވަނީ ބަޖެޓުން ތަންނުދޭތީ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާފިއު ވިދާޅުވީ، ޕްރޮޖެކްޓުތައް ހިންގުން ލަސްވަނީ ގިނަފަހަރަށް ބަޖެޓުން ތަންނުދޭތީ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިޔުމަށް އެހެން ކޯޑަކުން ބަޖެޓަށް ފައިސާ ހޯދަން ޖެހޭ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންގެ މަސައްކަތްތައް ލަސްވަމުން އެބަދޭ، މިނިސްޓްރީގެ ފަރާތުން ވެސް ބައެއް ފަހަރަށް. ސަބަބަކީ ޕްރޮޖެކްޓެއް ހަވާލުކުރާއިރު އެ ޕްރޮޖެކްޓުގައި ހިމެނިފައި މި އިންނަނީ ބެޖެޓުގެ ވަރަށް ކުޑަ އަދަދެއް. ދެން އަޅުގަނޑުމެން މިޖެހެނީ ފުރަތަމަ މަސައްކަތް ފަށާފައި އެޑުވާންސަށް 15 ޕަސެންޓް ނޫނިއްޔާ އެ ދައްކަން ޖެހޭ ވަރެއް ދެއްކުމަށްފަހު ދެވަނަ ޕޭމަންޓަކާ ހަމައަށް އަންނަންވާ އިރަށް އެ އަހަރުތެރޭގައި އެ ބަޖެޓަކުން ތަނެއް ނުދޭ." ރާފިއު ވިދާޅުވިއެވެ.
އެގޮތަށް ބަޖެޓުގައި ހިމެނިފައިވާ އެހެން ކޯޑަކުން ފައިސާ ނަގާއިރު އެ ކޯޑަކީވެސް ކޮންމެވެސް ރަށެއްގައި ހިންގަން ނިންމާފައިވާ މަޝްރޫއަކަށް ބަޖެޓުގައި ހިމަނާފައިވާ ފައިސާ ކަމަށްވާތީ އެ މަޝްރޫއުވެސް ލަސްވެގެން ދާ ކަމަށް ރާފިއު ވިދާޅުވިއެވެ.
"އެހެންވީމާ ވަރަށް ބޮޑަށް ބަޖެޓުގެ ދަތިކަން އެބައާދޭ ބަޖެޓް ކުރެވިފައި ހުރި ގޮތުން." ރާފިއު ވިފދާޅުވިއެވެ.
މިގޮތަށް ކަންތައް ކުރުމުން ގިނަ މަޝްރޫޢުތައް ޖެހިގެން އޮންނަ އަހަރަށް ދަންމާލަން ޖެހޭ ކަމަށް ރާފިއު ވަނީ ވިދާޅުވެފައެވެ. 2 ނުވަތަ 3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓަށް 2 ލައްކަ ނުވަތަ 3 ލައްކަ ރުފިޔާ ބަޖެޓުގައި ހިމަނާފައި ހުންނަކަން ރާފިއު ފާހަގަކުރެއްވިއެވެ.
މަޝްރޫޢުތައް ލަސްވުމަށް ދިމާވާ އަނެއް ސަބަބެއްގެ ގޮތުގައި ރާފިއު ވިދާޅުވީ، ކުންފުނިތަކުން މަސައްކަތަށް ބޭނުންވާ ސާމާނަށް އޯޑަރު ދީގެން އެ ސާމާނު އަންނަން ނަގާ ވަގުތު ދިގުލައިގެންދާ ކަމަށެވެ. އެގޮތުން ދެތިން ފަހަރަށް ބަޔަކަށް ސަބްކޮންޓެންޓު ދީގެން މަސައްކަތަށް ބޭނުންވާ ސާމާނު ގެންނަން ޖެހޭ ކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ