ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސަރަހައްދުތަކުގައި، ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް އަންނަ މަހުގެ 1 އިން ފެށިގެން ދަށްކުރުމަށް ނިންމައިފިއެވެ.
މިކަން އިއުލާނު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިކަމަށް އަމަލުކުރުމަށް ދެ ކުންފުންޏަށް އަންގަވާފައިވާ ކަމަށެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުން، 0-100 ޔުނިޓުގެ ބޭންޑުގައި މިހާރު ނަގަމުންދާ 1.50 ރުފިޔާގެ ރޭޓު 1.25 ރުފިޔާއަށް ދަށްކުރެވޭނެއެވެ. އަދި 101-200 ޔުނިޓުގެ ބޭންޑުގައި މިހާރު ނަގާ 1.70 ރުފިޔާގެ ރޭޓު 1.50 ރުފިޔާއަށް ދަށްކުރެވޭނެއެވެ. މީގެ އިތުރުން 201-300 އަދި 301-400 ޔުނިޓުގެ ބޭންޑުތަކުގައި މިހާރު ނަގަމުންދާ 2.15 އަދި 2.50 ރުފިޔާގެ ރޭޓު 1.50 ރުފިޔާއަށް ދަށްކުރެވޭނެއެވެ.
އަދި 401-500 ޔުނިޓުގެ ބޭންޑުގައި މިހާރު ނަގާ 2.95 ރުފިޔާގެ ރޭޓު 2.66 ރުފިޔާއަށް ދަށްކުރެވޭނެއެވެ. 501-600 ޔުނިޓުގެ ބޭންޑުގައި މިހާރު ނަގާ 3.55 ރުފިޔާގެ ރޭޓު 3.20 ރުފިޔާއަށް ދަށްކުރެވޭނެއެވެ. އަދި 600 ޔުނިޓަށްވުރެ މަތީގެ ބޭންޑުގައި މިހާރު ނަގާ 4.25 ރުފިޔާގެ ރޭޓު 3.83 ރުފިޔާއަށް ދަށްކުރެވޭނެއެވެ.
މާހިރުންގެ ލަފާ
ކަމާ ބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ބިލްތައް ބޮޑުވާ މައިގަނޑު އެއް ސަބަބަކީ ކަނޑައަޅާފައިވާ ހަތް ބޭންޑުގެ ޓެރިފް ރޭޓު މަތިވުމެވެ. އެހެންކަމުން މި ގެނެވޭ ބަދަލާއެކު ގޭބިސީތަކުގެ ކަރަންޓު ބިލަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެ ފަރާތްތަކުން ލަފާކުރެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި މިދިޔަ ދެ ރޯދަ މަހުވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދެއްވާފައިވުމެވެ. އޭގެ ސަބަބުން ގޭބިސީތަކުގެ ބިލްތައް ވަރަށް ބޮޑަށް ކުޑަވެގެން ދިޔައެވެ. އޭގެ ތެރެއިން ފުރަތަމަ އަހަރަކީ އިގްތިސާދީ ގޮތުން ރާއްޖެ ވަރަށް ނުރައްކާތެރި ހާލަތަކަށް ވެއްޓިފައި އޮތް ދަނޑިވަޅެއްގައި ދެއްވި ލުޔެކެވެ.
ޑޮމެސްޓިކް ކަރަންޓު ބިލުގެ އަގުތައް މަހެއްގެ ތެރޭގައި ދަށްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ