ރާއްޖޭގައި މިވަގުތު ޒިންމާދާރު ސިޔާސީ ޕާޓީއެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ސާފުކޮށްދެއްވައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރައީސް ވިދާޅުވި ވާހަކައަކީ ސިޔާސީ ޕާޓީއެއްގެ ބޭނުމަކީ ހަމައެކަނި އިންތިޚާބުތަކުގައި ވާދަކޮށް ނަތީޖާ ނެރުން ނޫން ކަމަށާއި ސިޔާސީ ޕާޓީތަކަކީ ދައުލަތުން ފައިސާދީގެން ހިންގާ، ޤައުމީ ބޮޑެތި ޒިންމާތަކެއް އަދާކުރަންޖެހޭ މުއައްސަސާތަކެއްކަމަށެވެ.
މުންދު ވިދާޅުވިގޮތުގައި، ރައީސް އިޝާރާތްކުރެއްވީ އިދިކޮޅު ޕާޓީން "ފީ ސަބީލިﷲ" އަށް ހުރިހާ ކަމަކާ ދެކޮޅުހަދާ އުސޫލަށެވެ. އެގޮތުން، ސަރުކާރުން ކުރާ ކަންކަމަށް އިދިކޮޅު ހަދަނީ ކީއްވެގެންކަން ސާފުކޮށްދިނުމެއް ނެތި، ހަމައެކަނި ދެކޮޅުވެރިކަން ދެއްކުމަކީ ޒިންމާދާރު ގޮތެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. މުންދު ވިދާޅުވީ، ސަރުކާރުން ކުރާ ކަންކަމަށް ފާޑުކިޔަންވާނީ އޮއްޓަރުހުރި ގޮތެއްގައި ކަމަށާއި ނަމަވެސް، މިހާރު ފެންނަނީ ސަރުކާރުން ކުރާ ކޮންމެ ކަމަކާ، އެއީ ކީއްވެގެންކަން ބުނެދޭން ނޭނގޭ މިންވަރަށް ދެކޮޅުހަދަމުންދާ މަންޒަރުކަމަށެވެ.
"ސަރުކާރު ޒިންމާދާރުކުރުވުމަކީ ކުރަންޖެހޭ ކަމެއް. މަޖިލީހުގެ ތެރެއިންނާއި ބޭރުން ވެސް ފާޑުކިޔަންވާނެ. އެކަމަކު އެ ފާޑުކިޔުން ވާންވާނީ އޮއްޓަރުހުރި، އިންސްޓިޓިއުޝަނަލް ފާޑުކިޔުމަކަށް،" މުންދު ވިދާޅުވިއެވެ.
މީގެއިތުރުން މުންދު ވިދާޅުވީ، އެމްޑީޕީއަކީވެސް ވެރިކަން ކޮށްފައިވާ ޕާޓީއަކަށްވާއިރު، ޤައުމީ މަސްލަހަތު ހުރި ކަންކަމުގައި "ކޮމަން ގްރައުންޑެއް" ނުވަތަ އެއްބަސްވެވޭ އުސޫލުތަކެއް އޮންނަންޖެހޭނެ ކަމަށާއި ޒިންމާދާރު ޑިމޮކްރަސީތަކުގައި ސިޔާސީ ކަންކަމާއި "އޭ-ޕޮލިޓިކަލް" ނުވަތަ ސިޔާސީ ކުލަ ނުޖެހޭ ޤައުމީ ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން، ނިމިދިޔަ ސަރުކާރުގައި ކޯވިޑް-19 ގެ ތެރޭގައި އެޅި ބައެއް ފިޔަވަޅުތަކަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މަރުޙަބާ ކިޔައި، އެއީ ރަނގަޅު ނިޔަތެއްގައި ކުރިކަމެއް ކަމަށް ބުނެފައިވާނެ ކަމަށެވެ. ނަމަވެސް، މިހާރު ފެންނަނީ ސަރުކާރުން ކުރާ ކޮންމެ ރަނގަޅު ކަމަކަށްވެސް، ރައްޔިތުންނަށް ފައިދާހުރި ކަމެއްގައިވެސް މަރުޙަބާ ކިޔުމަކީ މަނާކަމެއްގެ ގޮތުގައި ދެކޭ މަންޒަރު ކަމަށް މުންދު ވިދާޅުވިއެވެ.
"ދެ ޕާޓީގެ ފިކުރަށް ބަލާއިރުވެސް މާ ބޮޑު ތަފާތެއް ނެތް. އަޅުގަނޑުމެންނަކީ ކޮމިއުނިސްޓް ނުވަތަ ފެޝިސްޓް ޕާޓީތަކެއް ނޫން. ދެ ޕާޓީއަކީވެސް ޑިމޮކްރަސީ ޤަބޫލުކުރާ، އެއް ހަމައެއްގައި އުޅޭ ބައެއް،" މުންދު ވިދާޅުވިއެވެ.
ހަމައެއާއެކު، މުންދު ވިދާޅުވީ ރައީސް ބޭނުންފުޅުވަނީ ހުރިހާ ކަމަކަށް ދެކޮޅުހެދުމުގެ ބަދަލުގައި، ޤައުމުގެ މަސްލަހަތަށްޓަކައި ޒިންމާދާރުކަމާއެކު މަސައްކަތްކުރާނެ ސިޔާސީ މާހައުލެއް އޮތުން ކަމަށެވެ.
ޒިންމާދާރު ސިޔާސީ ޕާޓީއެއް ނެތް ކަމަށް ރައީސް ވިދާޅުވި ވާހަކަ މުންދު ސާފުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ