މެދުއިރުމަތީގެ ނުތަނަވަސްކަމާއެކު ދަތިތަކެއް ހުއްޓަސް، މަސްވެރިންނަށް ތެލުގެ ލުއިދީ މަސައްކަތްތައް ދަނީ ކުރިއަށް: ޝިޔާމް

މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގެ ޚަރަދުތަކަށް ހުއްޓުންތަކެއް ކުރިމަތިވަމުންދިޔަ ނަމަވެސް، މަސްވެރިންނަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށާއި، ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް، މިނިސްޓަރ އޮފް ފިޝަރީޒް، އަގްރިކަލްޗަރ އެންޑް އޯޝަން ރިސޯސެޒް، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ޚާއްޞަ ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ފެބުރުއަރީ މަހުގެ މެދުތެރެއިން ފެށިގެން ސަރުކާރުން ދަނީ މަސްވެރިންނަށް ދަތިތަކާނުލާ މަސްކަނޑުތަކަށް ނުކުމެވޭނެ މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންގެ އެންމެ ބޮޑު އެދުމަކަށްވާ ފިއުލް ސަޕްލައި މެދުވެރިކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އިސްކަންދެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ދުނިޔޭގެ މަސްރަހު ހުރި ގޮތުންނާއި އިޤްތިސާދީ ސަބަބުތަކާ ހުރެ ބައެއް ލަސްވުންތަކާއި ހުރަސްތަކެއް ކުރިމަތިވާކަން މިނިސްޓަރު ޤަބޫލުކުރެއްވިއެވެ. ނަމަވެސް، މިހާތަނަށް 2.49 ލީޓަރާއި 2.5 މިލިއަން ލީޓަރާ ދެމެދު އަދަދެއްގެ ތެޔޮ ފޯރު ކުރެވިފައިވާ ކަމަށާއި، ތެލުގެ އަގަށް ގެނެވުނު ލުއިތަކާއެކު މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަދެމުންދާ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.
މަސް ޕްރޮސެސް ކުރުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ޕްރައިވެޓް ސެކްޓަރ އަދި ސަރުކާރުގެ ކުންފުނިތަކަށް ވެސް މަސް ޕްރޮސެސް ކުރުމުގައި އެކި މައްސަލަތައް ދިމާވަމުންދާ ކަމަށެވެ. އެހެންނަމަވެސް، މާލީ ގޮތުން ވީހާވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރު ހާމަ ކުރެއްވި.
މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މަސްވެރިކަމުގެ ޙާލަތު ރަނގަޅު ވީނަމަވެސް، މި ދުވަސްވަރު މޫސުން ހުރި ގޮތުން ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައިވާ ކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ އަމާޒަކީ މިފަދަ ގޮންޖެހުންތަކާއި އެކުވެސް، މަސްވެރިންނާއި ދަނޑުވެރިންނަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ