ވީރާނާވާން ދޫކޮށްލާފައިވާ ރަށްވެހިގެ ކުޅުދުއްފުށީ ރައްޔިތުންނަށް ހޯދުމުގެ މަސައްކަތް ފަށައިފި

ވީރާނާވާން ދޫކޮށްލާފައިވާ ރަށްވެހިގެ ކުޅުދުއްފުށީ ރައްޔިތުންނަށް ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސިޓީ ކައުންސިލްގެ ތިންވަނަ އާންމު ބައްދަލުވުމުގައި ނިންމީ ވީރާނާވާން ދޫކޮށްލާފައިވާ ރަށްވެހިގެ ކުޅުދުއްފުށީ ރައްޔިތުންނަށް ހޯދައިދިނުމަށް އެލްޖީއޭގައި މަޝްވަރާކުރުމަށެވެ.
ރަށްވެހިގެ އޮންނަނީ ހދ އަތޮޅު ކައުންސިލްގެ ދަށުގައި އެވެ. އެހެންނަމަވެސް ގާނޫނަށް ގެނައި ބަދަލާއެކު އަތޮޅު ކައުންސިލްތައް ވަނީ އުވާލައި އެލްޖީއޭގެ ގޮފިތަކަކަށް ބަދަލުކޮށްފަ އެވެ.
އެ ދުވަހު ބޭއްވި ބައްދަލުވުމުގައި މޭޔަރު އާތިފް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގެ ހިންގުން މިހާރުވަނީ ރައްޔިތުންގެ އަތުން ނެގިފަ ކަމަށެވެ. އަދި އަތޮޅު ކައުންސިލް ހިންގި އިދާރާތަކަކީ ލޯކަލް ގަވަރމެންޓްގެ އިދާރާތަކަކަށް ހެދިފައިވާކަމަށެވެ. އެއާއެކީގައި އަތޮޅު ކައުންސިލްގެ ވަސީލަތްތަކާއި މުދަލަކީ ލޯކަލް ކައުންސިލް އޮތޯރިޓީގެ މުދަލަށް ބަދަލުވެގެންދާނެ ކަމަށެވެ.
ރަށްވެހިގެ އިމާރާތްކޮށްފައިވާ ބިން އަތޮޅު ކައުންސިލަށް ދޫކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. މޭޔަރު ފާހަގަ ކުރެއްވިގޮތުގައި މިދިޔަ 4 ވަނަ ދައުރުވެސް އެތަން އެއްގޮތަކަށްވެސް ބޭނުން ނުކޮށް އޮންނާތީ އަތޮޅު ކައުންސިލް މެދުވެރިކޮށް އެތަން ސިޓީ ކައުންސިލަށް ލިބޭތޯ މަސައްކަތްތަކެއްކޮށް މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ. އަދި އެލްޖީއޭ މެދުވެރިކޮށް އެ ބިން ހޯދުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
" ކުޅުދުއްފުށީގެ ބޮޑު ބިމެއް އެ ގޮތަށް ރައްޔިތުންނަށްވެސް އަތޮޅުގެ ރައްޔިތުންނަށްވެސް އެއްވެސް މަންފާއެއް ނެތި ގިނަދުވަސްތަކެއް ވޭތުވެގެންދާތީ، އެހެންނަމަވެސް އެ އިރުގަ އަޅުގަނޑުމެންނަށް އެލްޖީއޭވެސް ދެންނެވީ، އަތޮޅުކައުންސިލުގެ މުދަލެއްގެ ގޮތުގައި ކުޅުދުއްފުށީ ކައުންސިލުން ރަޖިސްޓްރީކޮށްދެއްވާފައިވާ ބިމަކަށްވާތީ އަތޮޅު ކައުންސިލުން އެ ބިން ހަވާލުކުރުމުން މެނުވީ އެ ބިމުގެ މިލްކުވެރިކަން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ނުލިބޭނެކަމަށް." އާތިފް ވިދާޅުވި އެވެ.
އެހެން އެކަން އޮއްވާ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އެ ބިމުގެ މިލްކްވެރިފަރާތްނޫން އެހެން ފަރާތަކުން އެ ހުރީ އެލްޖީއޭގެ މުދަލެއްގެ ގޮތުގައި ކަމަށާއި އެލްޖީއޭއަކީ އެއްވެސްވަރަކަށް ވިޔަފާރިމުދާ ގެންގުޅެ އަދި ރަށްރަށުގެ ބިން ނަގައިގެން ވިޔަފާރިކުރުމަށް އޮންނަ ބައެއް ނޫން ކަމަށެވެ. އެލްޖީއޭގެ މައިގަނޑު މެންޑޭޓަކީ ލޯކަލް ގަވަރނަންސް ހަރުދަނާކުރުން ކަމަށާއި އަދި ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ދިނުނުމާއި މޮނީޓަރކޮށް ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރުން ކަމަށެވެ.
މި އެޖެންޑާގެ ބަހުސްމަރުހަލާގައި ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ ވިދާޅުވީ އެ ބިން ކައުންސިލާ ހަވާލުކުރިނަމަ އެތަން މަރާމާތުކޮށް ބޭނުންކުރެވޭނެ ގޮތް ހެދުމުގެ ކެޕޭސިޓީ ސިޓީ ކައުންސިލުގައި އެބަ ހުރި ކަމަށެވެ.އަދި ހާއްސަކޮށް މި ގޮތަށް އޮތްތަނެއް މުޅި ބިން ބެލެހެއްޓުމުގައިވެސް އިހުމާލުތަކެއް ހުރުމުން ގަސްތައް ބޯވުމާއި މަދިރިފަނި އެޅުމުގެ ޝަކުވާތައްވެސް ސިޓީ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
މިކަމުގެ ކަންބޮޑުވުން އޮތުމުން ކުޅުދުއްފުށީ ރައްޔިތުންނަށް މި ތަނުގެ ބޭނުން އެދެވޭގޮތެއްގައި ލިބެމުންނުދާތީވެ، މި ކަންބޮޑުވުމާއެކު ޑެޕިއުޓީ ހުށަހެޅުއްވީ އެލްޖީއޭއާއި މަޝްވަރާކޮށް އެކަމަށް ކުރެވިދާނެ ކަމެއް ހޯދުމަށް ބައްދަލުވުމަކަށް ދިއުމަށެވެ. އަދި އޭގެ ފަހުގައި ކަންކަން ކުރެވޭނެ ގޮތަކަށް މަޝްވަރާކުރެވުން ކަމަށެވެ.
ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލަރުގެ އަގުލަބިއްޔަތުން ނިންމީ އެލްޖީއޭއާއި މަޝްވަރާކޮށް އެ މައްސަލައަށް ހައްލެއް ގެނައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ