މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއި އެކު ސަރުކާރުގެ އިދާރާތަކުން މައުލޫމާތުތައް ނުލިބި، ލަސްތަކެއްވެ ދިގުލައިގެން ދާ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ޑިޖިޓަލް ގަވަރނަންސް ބިލުގެ މަގުސަދަކީ އިތުބާރުހިފޭ، ރައްކާތެރި ނިޒާމެއްގެ ތެރެއިން ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމެވެ. މި ބިލުގެ ދަށުން ”މޯލްޑިވްސް ޑިޖިޓަލް ސަވިސް“ (އެމްޑީއެސް) ގެ ނަމުގައި އިދާރާއެއް އުފައްދައި، ދާހިލީ ވުޒާރާގެ ދަށުން ހިނގަމުންދާ ޑިޖިޓަލް ހިދުމަތްތައް އެ އިދާރާއަށް ބަދަލުކުރެވޭނެއެވެ. އެއަށްފަހު އެމްޑީއެސްގެ އެންމެ އިސްވެރިއަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނީ ”ކޮމިޝަނަރ ފޮރ ޑިޖިޓަލް ޓެކްނޮލޮޖީ“ އެވެ.
މީގެ އިތުރުން، ދައުލަތުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ސިޓިޒަން ޕޯޓަލެއް ގާއިމުކުރުމާއި، ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކޮށްގެން ރައްކާތެރިކަމާއެކު މުއާމަލާތް ކުރެވޭނެ އޮނިގަނޑެއް އެކުލަވާލުން މި ބިލުގައި ލާޒިމުކުރެއެވެ. މި ނިޒާމުގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ފަސޭހައިން ޑޭޓާ ހިއްސާކުރެވި، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޒަމާނީވެ، ހަރުދަނާވެގެންދާނެއެވެ.
ބިލުގެ ބަހުސްގައި ސައުދުﷲ ވިދާޅުވި ގޮތުގައި ދިވެހިރާއްޖެ މިއަދު އޮތީ މުޅި ދުނިޔެއާ ގުޅިފައިވާ ނިޒާމެއްގެ ތެރޭގައެވެ. ސައުދު ވިދާޅުގީ މި ބަދަލުތަކާ ގުޅޭ ގާނޫނީ އޮނިގަނޑެއް ނުވަތަ ފްރޭމްވޯކެއް އޮތުމަކީ ރައްޔިތުންނަށް އޭގެ ލުއިފަސޭހަ އެންމެ ފުރިހަމައަށް ލިބޭނެ ގޮތް ކަމަށެވެ. މި ބިލުގެ ސަބަބުން ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދޭނެ ޑިޖިޓަލް ގަވަނަންސް ނިޒާމެއް ގާއިމްވެ، މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ނަމުގައި ވަކި ހާއްސަ އިދާރާއެއް އުފެދިގެންދާނެކަމަށް ސައުދު ވިދާޅުވި އެވެ.
ބައެއް ކަންތައްތައް ސާފުކޮށްލަންވެގެން ސަރުކާރުގެ އޮފީހަކަށް ގުޅާލީމަ، ދެ ދުވަސް، ދިހަ ދުވަސް ވެގެންދާއިރުވެސް އެކަމާ ބެހޭ މަޢުލޫމާތެއް ސާފުވާގޮތެއް ނުވޭ އެއްބައި ފަހަރަށް.. އެކަމާ ބެހޭ މުވައްޒަފު އެއް ދުވަހެއްގައި ސަލާމްގައި ހުރެއްޖިއްޔާމު، އަނެއް ދުވަހު ހުންނާނީ އާއިލީ ޒިންމާ ޗުއްޓީގައި… ނޫނީއާ ކޮންމެވެސް އެހެން ކަމެއްގައި… އެހެން، މިކަހަލަ ގޮތަކަށް ގޮއްސަ، ދެ ދުވަސް، ދިހަ ދުވަސް ވެގެންދާއިރު ވެސް އެކަންކަން ސާފުވެގެން ނުދޭ. އެހެންނަމަވެސް، މި ބަދަލާއެކީގައި، އެ މުވައްޒަފަކާ ގުޅާކަށް ނުޖެހޭނެ…
ސަރުކާރުގެ އިދާރާތަކުން ހިދުމަތް ހޯދުމުގައި ދަތިތައް ދިމާވާތީ، ސައުދުﷲ ވިދާޅުވީ، މައުލޫމާތެއް ސާފުކުރުމަށް އޮފީހަކަށް ގުޅުމުން، އެކަމާ ބެހޭ މުވައްޒަފު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ވާނުވާއެއްގައި ތިބެން ޖެހޭ ކަމަށެވެ. ނަމަވެސް މި ބަދަލާއެކު، ވަކި މުވައްޒަފަކަށް އިންތިޒާރު ކުރުމުގެ ބަދަލުގައި ޑިޖިޓަލް ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތާއި ހިދުމަތްތައް ސީދާ ލިބިގެންދާނެކަމަށް ވިދާޅުވި އެވެ. މިއީ ސަރުކާރުގައި އިހުލާސްތެރިކަމާއިއެކު މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތަށް ލިބޭނެ އިތުރު ބާރެއްގެ ގޮތުގައި ވެސް އޭނާ ވިދާޅުވި އެވެ.
ބިލުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ހުޅުވިގެންދާނެކަން ސައުދުﷲ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ މެދުގައި ރައްކާތެރިކަމާއެކު ޑޭޓާ ހިއްސާކުރެވޭނެ ނިޒާމެއް ގާއިމްވުމާއި، ދައުލަތުގެ ސިޔާދަތީ ބާރުވެރިކަން ހިފެހެއްޓުމަށްޓަކައި ސޮވްރިން ކްލައުޑް ނިޒާމެއް ބިނާކުރުމަކީ ރައްޔިތުންގެ އިތުބާރާއި މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދަން އުނދަގޫ، އެތައް ދުވަހެއްވާއިރު ވެސް ތަފްސީލެއް ނުލިބޭ: ސައުދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ