ޕާކިސްތާނުގައި އޮސްޓްރޭލިއާ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

އާއިލާއާ އެކު ޕާކިސްތާނަށް ޗުއްޓީއަށް ގޮސް އުޅުނު އޮސްޓްރޭލިއާގެ ކުޑަ އަންހެން ކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލި ހާދިސާ ތަހުގީގު ކުރުމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފި އެވެ.
އުމުރުން ނުވަ އަހަރުގެ ހާނިއާ އަހުމަދާއި އޭނާގެ އާއިލާ ޕަންޖާބު ޕްރޮވިންސްގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޗަކްވާލްގައި ކުއްޔަށް ނެގި ކާރެއްގައި ދަތުރު ކުރަނިކޮށް، ހަތިޔާރު އެޅި ގްރޫޕަކުން ވަނީ ފޭރުމުގެ ބޭނުމުގައި ޖޫން 10 ވަނަ ދުވަހު އެ މީހުން ރަހީނުކޮށްފަ އެވެ.
ޕަންޖާބު ފުލުހުން ބުނި ގޮތުގައި، އެ ގްރޫޕުން ފުލުހަކަށް ބަޑިން ހަމަލާދިނުމާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ބަޑީގެ ހަމަލާތަކެއް ވަނީ ބަދަލުކޮށްފަ އެވެ. އެ ގްރޫޕު ފިލަން މަސައްކަތް ކުރީ އާއިލާގެ އުޅަނދުގައި ކަމަށް ހީކޮށް، ފުލުހަކު "އޮޅިގެން" ބަޑިޖެހުމުގެ ސަބަބުން ހާނިއާ މަރުވެ، އޭނާގެ ބައްޕަ އާއި ބޭބެ ޒަހަމްވި އެވެ.
ޕަންޖާބު ފުލުހުން ބުނި ގޮތުގައި ފުރަތަމަ ބަޑި ޖެހީ އެ ގްރޫޕުންނެވެ. ނަމަވެސް ރައްދުގައި ބަޑިޖެހި ފުލުސް މީހާ މިހާރު ހުރީ ބަންދުކޮށްފަ އެވެ. ނަމަވެސް، އެ ކުއްޖާގެ ބައްޕަ އެސްބީއެސް އުރުދޫއަށް މައުލޫމާތު ދެމުން ބުނީ ފުރަތަމަ ބަޑިޖެހީ ފުލުހުން ކަމަށެވެ.
ހޯމަ ދުވަހު ކެންބަރާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު އެލްބަނީޒް ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ބަލަން ޖެހޭ ކަމަށެވެ. އަދި އާއިލާއަށާއި އެހެން މީހުންނަށް ހަގީގަތް އެނގޭނޭ ފަދަ ދެފުށް ފެންނަ ތަހުގީގެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކުޑަ އަންހެން ކުއްޖާގެ މަރުގެ ހަބަރާއެކު އޮސްޓްރޭލިއާ އާއި ޕާކިސްތާނަށް ވަނީ ބޮޑު ސިހުމެއް ލިބިފަ އެވެ.
އޮސްޓްރޭލިއާ ސަރުކާރުން މިހާރު ދަނީ އެ އާއިލާއަށް ބޭނުންވާ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ