ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ލަފާ ލިބިގެން ދުންފަތުން ނަގާ ޑިއުޓީ ކުޑަކުރަން އުޅޭ ކަމަށް ސަރުކާރުން ހާމަކުރުމާ ގުޅިގެން އެ ޖަމިއްޔާގެ ބަހެއް ހޯދަން ގުޅުމުން އެ ކަމުގައި ހެލްތު މިނިސްޓްރީއަށް ގުޅަން އެ ޖަމިއްޔާގެ ދިވެހިރާއްޖޭގެ އޮފީހުން ބުނެފި އެވެ.
ދުންފަތުން ނަގާ ޓެކްސް މި ސަރުކާރުން ބޭނުންވެގެން ވަނީ ކޮންމެ ސިނގިރޭޓަށް 8ރ. އަށް ބޮޑުކޮށްފަ އެވެ. މިއާއެކީގައި ދުންފަތުގެ ކަޅު ބާޒާރު ފުޅާވެ، ވަގަށް ސިނގިރޭޓު އެތެރެކުރާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. ނަމަވެސް އިއްޔެ ސަރުކާރުން ވަނީ އެ ރޭޓު 4ރ. އަށް ކުޑަކުރަން މަސައްކަތް ފަށާފައިވާ ކަމަށް ބުނެފަ އެވެ.
މިކަމާ ގުޅިގެން ޑަބްލިޔުއެޗްއޯއިން އެކަހަލަ ރެކޮމެންޑޭޝަނެއް ދީފަ ވާނެތޯ އޮޅުންފިލުވަން އަދަދު ނޫހުން ގުޅުން ޑަބްލިޔުއެޗްއޯގެ ކޮމިއުނިކޭޝަންގެ އެގްޒެކެޓިވް އެސިސްޓެންޓް ބުނީ އެ ކަމާ ގުޅޭ ހުރިހާ ސުވާލެއް ހެލްތު މިނިސްޓްރީއާ ކުރުމަށެވެ.
"އަޅުގަނޑުމެން މިކޮޅުން ނިންމާފައި ވާނީ ތިކަމުގެ ހުރިހާ ކުއެރީސްއެއް ހެލްތު މިނިސްޓްރީއަށް ޕާސްކުރަން،" ޑަބްލިއުއެޗްއޯގެ ވިދާޅުވި އެވެ.
މި ސުވާލު ތަކުރާރުކޮށް އެހުމުން ވެސް އެ ރެކޮމެންޑޭޝަން ދިންތޯ ނުވަތަ ނޫންތޯ ވެސް ސާފުކޮށްދޭން ޑަބްލިޔުއެޗްއޯގެ އޮފިޝަލް އުޒުރުވެރިވި އެވެ. ނަމަވެސް އެ ޖަމިއްޔާއިން ދެކޭ ގޮތް އާންމުކޮށް ފެންނަ ގޮތަށް ޝާއިއުކޮށްފަ ހުރި ކަރުދާސްތަކުން ފެންނަން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ކަމާ ގުޅިގެން ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ކަމާ ގުޅޭ ދިރާސާތަކެއް ހެދުމަށްފަހު، ދުންފަތުން ނަގާ ޓެކްސް އަށް ރުފިޔާއިން ހަތަރު ރުފިޔާއަށް ކުޑަ ކުރަން ޑަބްލިއުއެޗްއޯއިން ލަފާ ދީފައިވާ ކަމަށެވެ.
"މި ވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗްއޯގެ ހެއްދެވި ދިރާސާއަކުން ރާއްޖެއަށް ރިކޮމެންޑު ކުރައްވާފައިވާ އެއް ޑިއުޓީ ރޭޓަކީ 2026 ވަނަ އަހަރަށް ސްޕެސިފިކް ރޭޓު ހަތަރު ރުފިޔާގެ ގޮތުގައި [ކަނޑައެޅުން]،" މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، ޑަބްލިއުއެޗްއޯގެ ލަފަޔަށް މަޝްވަރާ ކުރުމަށްފަހު ސަރުކާރުން އެކަމާ ގުޅޭ ގޮތެއް ނިންމާނެ ކަމަށެވެ.
"މިއީ އަޅުގަނޑުމެން ކޮންސިޑާ ކުރަމުން އަންނަ ރޭޓެއް މިހާރު ވެސް. ކަމާބެހޭ ހުރިހާ އިދާރާތަކާ އަދި މިކަމުގައި ޑިޒިޝަން ނެގުމުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑުމެން މި މަޝްވަރާތައް ކުރާނަން، ކޮށްފައި އެ ރޭޓަށް ދާންޖެހޭ ކަމަށް އަޅުގަނޑުމެން ހުރިހާ އެންމެންނަށް އެއްބަސްވެވެންޏާ ރައްޔިތުންގެ މަޖިލީހަށް އެ ރިކޮމެންޑޭޝަން ސަރުކާރުން އަރުވާނެ،" އިހުސާން ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވި ނަމަވެސް، މި ނޫހަށް އެނގިފައިވާ ގޮތުގައި ޑަބްލިއުއެޗްއޯއިން އެފަދަ އެއްވެސް ލަފައެއް ދިވެހި ސަރުކާރަށް ދީފައެއް ނުވެ އެވެ.
ސިނގިރޭޓާއި ބިޑިން ނަގާ ސްޕެސިފިކް ޑިއުޓީ ތިން ރުފިޔާއިން އަށް ރުފިޔާ މި ސަރުކާރުން ބޮޑު ކުރީ ނޮވެމްބަރު، 2024، ގަ އެވެ. އޭގެ އިތުރުން ދުންފަތުން ނަގާ އެޑްވަލޮރެމް ރޭޓު ވެސް 50 ޕަސެންޓުން 100 ޕަސެންޓަށް ބޮޑު ކުރި އެވެ.
ސަރުކާރުން ގެނައި އެ ބަދަލުތަކަކާއެކު ވަގު ދުންފަތުގެ ބޮޑު ކަޅު ބާޒާރެއް އުފެދި، ފޭކު ސިނގިރޭޓު މުޅި ރާއްޖެއަށް އާންމުވި އެވެ. ކުރިން ސިނގިރޭޓު ވިއްކި އަގަށް ވުރެ މާ އަގުހެޔޮކޮށް ފޭކު ސިނގިރޭޓު މިހާރު ވެސް ލިބެ އެވެ.
ދުންފަތުން ޓެކްސް ބޮޑު ކުރުމުގެ އިތުރުން ސަރުކާރުން ވަނީ ވޭޕް ވެސް މަނާކޮށްފަ އެވެ. އެއާއެކު ސިނގިރޭޓު ހުއްޓާލައިގެން ތިބި އެތައް ބަޔަކު ވަނީ އަލުން ސިނގިރޭޓު ބޯން ފަށައިފަ އެވެ. ވޭޕު މަނާ ކުރުމުގެ ކުރިން ވެސް ސަރުކާރުން ދިރާސާއެއް ނުހަދަ އެވެ.
ޑަބްލިއުއެޗްއޯގެ ބަހެއް ހޯދަން ހެލްތު މިނިސްޓްރީއަށް ގުޅަން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ