ގައުމީ ފުޓުބޯޅާ އެސޯސިއޭޝަން، އެފްއޭއެމްގެ ރައީސްއަކަށް ހުންނެވި ދުވަސްވަރު އެ ތަނުގެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރި މައްސަލައެއްގައި ޖަލުގައި ހުރި ބައްސާމް އަދީލް ޖަލީލަށް އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ މައްސަލައިގައި ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު މައްސަލަ ފޮނުވައިފި އެވެ.
އޭސީސީން މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާކަން ހާމަކޮށް އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހިޔާނާތްތެރިވީ ފައިސާގެ ތެރެއިން 29،000 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.
ބައްސާމްގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ، އޭސީސީން ބުނި ގޮތުގައި، އެމްއެމްޕީއާރުސީއަށް އެކުއިޒިޝަން ކޮސްޓުގެ ގޮުތުގައި ލިބުނު ފައިސާގެ ތެރެއިން އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން ޖަމާކުރި ޑޮލަރެވެ. އެސްއޯއެފްއަކީ މި ހިޔާނާތުގެ ތެރެއިން ވަގަށް ނެގި ފައިސާ ޖަމާކުރަން ބޭނުންކުރި ކުންފުންޏެވެ.
އޭސީސީން ބުނީ އެސްއޯއެފްއިން މި ފައިސާ ޖަމާކޮށްދިނީ އެ ހިޔާނާތުގައި އިސްކޮށް ހުރި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިވެގެން ކަމަށެވެ. އަދި، މި ފައިސާ ބައްސާމުގެ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ބައްސާމްއަކީ އަދީބު ސަރުކާރުގައި ހުންނެވި ދުވަސްވަރު، އޭނާއާ އެންމެ އަރިސް މީހުންގެ ތެރެއިން އެކަކެވެ.
ބައްސާމަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަން ނިންމިއިރު، މި ހިޔާނާތް ހިންގުމުގައި އޭނާގެ އަމަލީ ބައިވެރިވުން އޮތް ކަމަށް ވެސް އޭސީސީގެ ބަޔާނުން ފާހަގަވެ އެވެ. އެ ކޮމިޝަނުން ބުނީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރީ ބައްސާމް ކަމަށެވެ.
އެމްއެމްޕީއާރުސީ ހިޔާނާތަށް އެތައް އަހަރުތަކެއް ވެގެން ދިޔައިރު، މި ހިޔާނާތުގައި ބައިވެރިވީ ކަމަށް އޭސީސީގެ ރިޕޯޓުތަކުގައި ހުރި ގިނަ މީހުންނާއި ކުންފުނިތަކާއި ބޭންކުތަކަށް ދައުވާ ނުކުރެ އެވެ. އަދި މިއަދާ ހަމައަށް މި ހިޔާނާތުގެ ތެރެއިން ވަގަށް ނެގި ފައިސާގެ ތެރެއިން އެއްވެސް ފައިސާއެއް އަނބުރާ ނުހޯދެ އެވެ.
އެފްއޭއެމްގެ ފައިސާ ވަގަށް ނަގައިގެން ޖަލުގަ ހުރި ބައްސާމަށް އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ދައުވާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ