ބައްސާމަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލައިފި
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ. ބައްސާމުގެ މައްޗަށް ދައުވާކުރީ އޭސީސީ އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ކުރިއަށް ގެންދިޔަ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ތަހުގީގުގައި ފާހަގަވި މައްސަލަތަކަށްފަހު އެވެ.އޭސީސީ އިން ބުނީ މި މައްސަލައިގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރު މެދުވެރިވެގެން، އެސްއޯއެފް ކުންފުނިން ބައްސާމުގެ ބޭންކް އެކައުންޓަށް 29,000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށެެވެ. އަދި އެ ފައިސާ ބައްސާމުގެ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާކަން ފާހަގަވާ ކަމަށެވެ.ބައްސާމު ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައި ކަމަށްވެސް އޭސީސީ އިން ބުންޏެވެ.މިމައްސަލައިގައި ބައްސާމުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. ބައްސާމް މިހާރު ވެސް ދަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ބައްސާމްގެ މައްޗަށް އެ ޖަލު ހުކުމު ކްރިމިނަލް ކޯޓުން އިއްވާފައިވަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އާއި އިތުރު 10،000 ޑޮލަރު (154،000ރ.) އަށް ޚިޔާނާތްތެރިވުމާއި އަދި އެ ފައިސާ ލޯންޑާ ކުރުމުގެ ކުށުގައި ބައްސާމްގެ މައްޗަށް ކުރި ހަތަރު ދައުވާއެއް ސާބިތުވެގެންނެވެ. އެ ފައިސާއިން ބައްސާމް ގަނެފައިވާ ކަމަށް ތުހުމަތުވާ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓެއް ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ