ތޮއްޑޫގައި ގާސިމް ބިނާކޮށްދެއްވި މިސްކިތް ހުޅުވައިފި

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ތޮއްޑޫގައި ބިނާކޮށްދެއްވި މިސްކިތް މިއަދު ހުޅުވައިފި އެވެ. މިއަދު މެންދުރު ނަމާދުގެ ކުރިން، ތޮއްޑޫގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ މިސްކިތް ހުޅުއްވައިދެއްވީ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުގެ ބައްޕަ ހަސަން ޒަރީރު އެވެ. ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝާގެ ނަމަށް ނިސްބަތްކޮށް އެ މިސްކިތް ހުޅުވީ "މަސްޖިދުލް ޢައިޝާ"ގެ ނަމުގައެވެ. އެއީ 1800 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ހުޅުވުމަށްފަހު ތޮއްޑޫގެ ރައްޔިތުންނާ މުހާތަބުކުރައްވައި ގާސިމް ވިދާޅުވީ، ބަރަކާތްތެރި ރަމަޞާން މަސް އެންމެހާ މުސްލިމުންނާ ބައްދަލުކޮށްފައިވާ އިރު، މިސްކިތުގެ ބޭނުން އޭގެ އެންމެ ހެޔޮ ގޮތުގައި ހިފުމަށް ތޮއްޑޫގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ. މިއަދުގެ މެންދުރު ނަމާދު ތޮއްޑޫގެ ރައްޔިތުން އެ މިސްކިތުގައި ކޮށްފައިވާ އިރު، އިމާމުވެ ނަމާދުކޮށްދެއްވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން އެވެ. ނަމާދަށްފަހު އިލްޔާސް ވަނީ ތޮއްޑޫގެ ރައްޔިތުންނަށް ހާއްސަ ދަރުސެއް ދެއްވާފައެވެ. ގާސިމް އިބްރާހިމް ތޮއްޑޫގައި ބިނާކޮށްދެއްވި މިސްކިތް ހުޅުއްވައިދެއްވުމަށްފަހު މިއަދު އެރަށު ސްކޫލްގައި ތޮއްޑޫގެ ރައްޔިތުންނަށް ހާއްސަ ރޯދަވީއްލުމެއް ދޭނެ އެވެ. އަދި އަސުރު ނަމާދަށްފަހު އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް މުހައްމަދު ހާއްސަ ދަރުހެއް ދެއްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ