ގާސިމް މަރާލިކަން ސާބިތުވެ އަދުހަމް މަރަން ހުކުމްކޮށްފި

ތޫނު އެއްޗެއް ބޭނުން ކޮށްގެން މަރައިލައިފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ޅ.ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް ކުށް ސާބިތު އޭނާ މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ ޑިސެމްބަރު ހަތަރުވަނަ ދުވަހު ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި ވަނީ ހަތް އިންޗި ވަޅިއެއްގެ ތިލަ އެއްކޮށް އޭނާގެ ކަރަށް ވައްދާލުމުން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ. މި މައްސަލާގައި އަދުހަމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗަކުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ހުކުމް އިއްވުމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ކޯޓުން ހުކުމްކުރީ ގަސްތުގައި މީހަކު މެރުމުގެ ކުށް އެއްވެސް ޝައްކެތް ނެތް މިންވަރަށް އަދުހަމްގެ މައްޗަށް ސާބިތުވާ ކަމަށެވެ. ކުރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އޮތީ ވާރިސުންގެ ބަސް ނެގުމެވެ. ގާސިމްގެ ފަސް ވާރިސުން ވެސް އެދުނީ މަރަށް މަރު ހިފާށެވެ. އެހެންވެ ކޯޓުން އޭނާގެ މައްޗަށް ކަނޑައެޅި އަދަބަކީ މަރުގެ އަދަބެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ވަނީ ވާރިސުންގެ ކިބައިން މާފަށް އެދެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ