މެމްބަރު އީވާ ޗުއްޓީއަށް ވަޑައިގެންފި ކަމަށް ބުނާ ޚަބަރު ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ޗުއްޓީއަށް ވަޑައިގެންފި ކަމަށް ނޫހެއްގައި ރިޕޯޓުކުރުމުން ރައްޔިތުންގެ މަޖިލީހުން އެޚަބަރު ދޮގުކޮށްފިއެވެ.
ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ފެށިއިރު، ރިޔާސަތު ބަލަހައްޓަވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އެއީ ރައީސް ނަޝީދާއި މެމްބަރު އީވާ ރާއްޖޭން ބޭރަށް ވަޑައިގެންނެވުމުންނެވެ. ދެބޭފުޅުން ވެސް މިވަގުތު ތިއްބެވީ ރާއްޖެއިން ބޭރުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެތް ހާލަތެއްގައި، ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ނައިބު ރައީސެވެ. ނަމަވެސް، ނައިބު ރައީސް އީވާ މިވަގުތު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންނެވެ. އެކަމަނާ ވަޑައިގަތީ އޭޝިއާ ޕެސިފިކް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް (އޭޕީއެފްއެސްޑީ)ގައި ބައިވެރިވެވަޑައިގަތުމަށެވެ.
މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަނަސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މެމްބަރު އީވާ އަބްދުﷲ ޗުއްޓީއަށް ވަޑައިގެންފައިވާ ކަމަށް ބުނާ ވާހަކަ ގޯސް ކަމަށެވެ. އެކަމަނާ ހުންނެވީ ބައިނައްލަގުވާމީ ފޯރަމެއްގައި ރާއްޖެ ތަމްސީލްކުރެއްވުމަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.
ނޫސްވެރިން މިފަދަ ޚަބަރުތައް ފަތުރާއިރު، ރައްޔިތުންގެ މަޖިލީހަށް ގުޅައިގެން މައުލޫމާތު ސާފުކުރެއްވުމަށް އޭނާވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ