މިނިވަން ރަން: 2000 އެއްހާ މީހުން ބައިވެރިވި

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން "މިނިވަން ރަން"ގެ ނަމުގައި ދުވުމެއް ބާއްވައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ މި ހަރަކާތަކީ ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއާއި "ވީރަން މޯލްޑިވްސް" ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ. މި ދުވުމުގައި ގާތްގަނޑަކަށް 2،000 އެއްހާ މީހުން ބައިވެރިވިއެވެ.
މި ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މި ރަން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫހު އާލާކޮށް، އެންމެން ގުޅިގެން އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. މީގެ އިތުރުން، ދުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުމަކީ ވެސް މިފަދަ ހަރަކާތެއް އިންތިޒާމުކުރުމުގެ މުހިންމު ބޭނުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއީ ސިއްހަތަށްވެސް ފައިދާހުރިކަމެއް. އެހެންވީމައި ނުދުވެވޭ ބޭފުޅުން ހިނގާލުމަކީވެސް މުހިންމުކަމެއް. އެހެންކަމުން މިފަދަ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަޤްސަދުގައި މި ދުވުން އަޅުގަނޑުމެން މި އިންތިޒާމު މިކުރީ. މިއަދަކީ ދުވުމެއް ހިނގާލުމެއް ބޭއްވުމަށް ވަރަށް ރަނގަޅުވެސް ދުވަހެއް. އެހާ އަވިގަދަވެސް ދުވަހެއް ނޫން. އެހެންވީމައި ވަރަށް ފަސޭހަވެސްވާނެ" ވަޒީރު ހިނާ ވަލީދު ވިދާޅުވިއެވެ.
މިނިވަން ރަންއަށް ބަލާއިރު، މި ހަރަކާތުގައި ހުރިހާ އުމުރުފުރައެއްގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. 5 ކިލޯމީޓަރުގެ މި ދުވުމަށްފަހު، ބައިވެރިން ވަނީ އެ ފަރާތްތަކުގެ ތަޖުރިބާއާއި ޝުއޫރުތައް ޕީ.އެސް.އެމް ނިއުސްއާ ހިއްސާކޮށްފައެވެ. އެގޮތުން، މިފަދަ މުނާސަބަތުތަކާ ގުޅުވައިގެން ދުވުމުގެ ހަރަކާތްތައް ރޭވުމުގެ މުހިންމުކަން ބައިވެރިން ފާހަގަކުރިއެވެ. އަދި އާއިލާއާއި ރައްޓެހިންނާއެކު މިފަދަ ގޮތަކަށް ވަގުތު ހޭދަކޮށްލަން ފުރުސަތު ލިބުމަކީ ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކަމެއްގެ ގޮތުގައި ބައިވެރިން ބުނެފައިވެއެވެ.
"އަސްލު ވަރަށް ހިންހަމަޖެހިއްޖެ މި ފަދަ ހަރަކާތެއްގައި ދުވެލެވުނީމައި. ހާއްސަކޮށް މިނިވަން ދުވަސް ފަދަ މުނާސަބަތުތަކާއި ގުޅިގެން މިގޮތައް ހަރަކާތް އިންތިޒާމު ކުރާތީ ވަރަށް ހިންހަމަޖެހޭ" ދުވުމުގައި ބައިވެރިވި ބައެއް ފަރާއްތަކުން ބުންޏެއެވެ.
މިނިވަން ރަން ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު މި ރަންގައި ބައިވެރިވި ދުވުންތެރިންނަށް ހާއްސަ ބެޖެއްވެސް ވަނީ ދީފައެވެ. ވީރަން މޯލްޑިވްސްއިން އަންނަ އަހަރު ރާއްޖޭގެ އެހެން ސިޓީތަކަށް މި ހަރަކާތް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ