ފަތިސް ނަމާދުގައި ސަލްމާން މިސްކިތުގައި ކަރަންޓު ނެތީ މުވައްޒަފަށް ނުދެވިގެން: މިނިސްޓްރީ

އިއްޔެ ނުރަސްމީކޮށް ހުޅުވި ސަލްމާން މިސްކިތުގައި މިއަދު ފަތިހު ކުރި ފުރަތަމަ ފަތިސް ނަމާދު ކަނު އަނދިރީގައި ކުރަން ޖެހުނީ އެ މިސްކިތުގެ ކޮންޓްރޯލް ރޫމް ބަލަހައްޓާ މުވައްޒަފަށް ގަޑިއަށް ނުދެވިގެން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ ފަތިސް ނަމާދު ސަލްމާން މިސްކިތުގައި ކުރިއިރު އެ ތަނުގައި ކަރަންޓެއް ނެތެވެ. އެކަމާ ގުޅިގެން، އެ މިސްކިތުގެ އިންތިޒާމްތައް ދޯދިޔާ ކަމަށް ބުނެ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔާފަ އެވެ.
ތަފްސީލު - މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު 'ދައުރު'އަށް ވިދާޅުވީ ކަރަންޓު ނެތި ނަމާދު ކުރަން ޖެހުނީ އެ ތަނުގެ ސިސްޓަމަށް މައްސަލައެއް ދިމާވެގެން ނުވަތަ ކަރަންޓް ލޯޑް ބޮޑުވެގެން ނޫން ކަމަށެވެ.
"ކޮންޕިއުޓަރުން ހިންގާ ތަނެއްވީމާ ކޮންޓްރޯލް ރޫމް ސްޓާފަށް އެ ގަޑިއަށް ނާދެވިގެން ލައިޓުތައް ނުޖެއްސުނީ،" އޭނާ ވިދާޅުވި އެވެ.
"ކަރަންޓް ދެވުނީ ހެނދުނު."
އަފްރާހު ވިދާޅުވީ މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރާވާނެ ކަމަށެވެ.
އެނގުން މުހިންމު - ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ސަލްމާން މިސްކިތް އަދި ރަސްމީކޮށް ނުހުޅުވިޔަސް، އިއްޔެގެ ހުކުރު ނަމަދުން ފެށިގެން އެ މިސްކިތުގައި ނަމާދު ކުރަން ވަނީ ފަށާފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ނިމިފައި ހުރި އެ މިސްކިތް ހުޅުވުމުން ގިނަ ބަޔަކު އިއްޔެގެ ހުުކުރަށް ޖަމާވި އެވެ. 
ޖުމްލަ 25 މިލިއަން ޑޮލަރު (386.5 މިލިއަން ރުފިޔާ) ހަރަދުވި އެ މިސްކިތަށް ސައުދީން ހިލޭ އެހީގެ ގޮތުގައި ދީފައިވަނީ 14.5 މިލިއަން ޑޮލަރު (224.2 މިލިއަން ރުފިޔާ) އެވެ. ބާކީ ހަރަދު ކުރީ ދިވެހި ސަރުކާރުންނެވެ.
އިތުރަށް ކިޔާލަން -
ސަލްމާން މިސްކިތަށް އެތައް ބަޔަކު އުފަލުން؛ ފުރިހަމަކަމަށް ތައުރީފް
ވީޑިއޯ ސްޓޯރީ: ސަލްމާން މިސްކިތާ މެދު އާންމުން ދެކޭ ގޮތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ