"ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ"

ރާއްޖޭގެ ރަށްރަށުގައި ޤާއިމްކުރާ ހުރިހާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރ، އެފްއާރްސީތައް އަންނަ އަހަރުގެ ނޮވެމްބަރުމަހަށް ނިމެނޭކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް"ގެ 5 ވަނަ އެޕިސޯޑްގައި ރައީސް ޑރ.މުއިއްޒު ވަނީ ސަރުކާރުން ޒުވާނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ޤާއިމްކޮށްދިނުމަށްޓަކައި މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިމޭއިރު، އެއްވެސް ރަށެއް އިސްތިސްނާ ނުވާނެހެން ރާއްޖޭގެ ހުރިހާ ރަށެއްގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ވަރަށް ބޮޑަށް ކުރިއަރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނިމޭއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ޒަމާނީ ފެންވަރުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ސަލްޓަން ޕާކާއި ހުޅުމާލޭގައި އިންޑޯ ގޭމިން ސެންޓަރއެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށާއި، ރޭސިން އާއި ޑްރިފްޓިން ހިމެނޭ ޓްރެކެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒަމާނީ ފެންވަރުގެ ގޯކާޓް އެރީނާއަކަށް ހުޅުމާލެއިން ބިން ހަމަޖައްސާދިނުމަށް ނިންމާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެ ހުރިހާތަނެއްވެސް 2028ގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް އެންމެ ލަސްވެގެން ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.
" އަމަލީ މަސައްކަތްތައް އެދަނީ ކުރިއަށް. ބައެއް ރަށްރަށުގައި ނިމެމުންވެސް އެބަދޭ. އަންނަ އަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްވެސް ނިމޭނެ" ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުލިއާގޭގެ ގަރާޖެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނުގައި މި ސަރުކާރުން ތަރައްޤީކުރި ޒުވާނުންގެ މަރުކަޒު އެކި އުމުރުފުރާތަކުގެ ޒުވާނުންނަށް ބޭނުންކުރެވޭފަދަ ކާމިޔާބު ތަނަކަށް ހައްދަވާފައިވާކަމަށެވެ.
ހަމައެހެންމެ، 15 ރަށެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމްކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރު ކުރިއަށްދާއިރު، އެތަންތަނުގައި 1200 އެއްހާ މީހުންނަށް ކުޅިވަރު ބަލަން ތިބެވޭނެކަމަށް ވިދާޅުވިއެވެ.
"މިއީ ފެށުމެއް. ހަމައެކަނި މާލެއަކު ނޫން. މާލެ އާއި ހުޅުމާލެގެ އިތުރުން އަތޮޅުތެރޭގައި ވެސް ޔޫތްހަބްތައް ހެދުމަށްޓަކާ، އެއްބަސްވުންތައް އެކުލަވާލާ، އެކަމަށް ބޭނުންވާ ފައިސާ ދީފައިވާނީ." ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ކުޅިވަރުގެ އެހެނިހެން ބަައެއް ވަސީލަތްތަކުގެ އަދާހަމަތައް އެމަނިކުފާނު ހިއްސާކުރެއްވިއެވެ. އެގޮތުން، ރާޅުގަނޑު ސަރަހައްދުގައި ޤާއިމްކުރާ އިންޓަނޭޝަނަލް ފެންވަރުގެ ސަރފިން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އަދި އިންޑޯ ބޯލިން އެރީނާގެ މަސައްކަތްކުރުމަށް ހުޅުމާލެއިން ބިން ހަވާލުކޮށް، ކޮންޓްރެކްޓަރާއި ފައިސާ ހަވާލުކޮށްފައިވާކަމަށާއި އަންނަ އަހަރުތެރޭގައި އެތަނުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ އިންޓަރނޭޝަނަލް ފެންވަރުގެ ފުޓްސަލް ސްޓޭޑިއަމްއަކާއި، ނެޓްބޯލް ސްޓޭޑިއަމްގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
މި ވެރިކަމުގައި ރެކޯޑް މިންވަރަކަށް ކުޅިވަރު ފެސިލިޓީތަކުގެ މަސައްކަތް ކުރިއަށްދާކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. ރާއްޖޭގައި ކުޅިވަރުގެ ފުރުސަތުތައް އިތުރުކޮށް، ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ