ރޯދައާ ދިމާކޮށް މާލޭގެ ބައެއް މަގުތައް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ބަންދު!

ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް މާލޭގެ ޓްރެފިކް މެނޭޖުކުރުމުގެ ގޮތުން ބައެއް މަގުތަކަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭ ގޮތް ފުލުހުން ހަދައިފިއެވެ.
ފުލުހުންގެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލެއަކީ ރައްޔިތުންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް، މި ރޯދަ މަހު ހާއްސަ ސަމާލުކަމެއް ދީގެން މާލޭގެ މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އަދި އެ އިދާރާއަށް ހުށަހެޅޭ ކުށްތަކުގެ އަދަދު މަދުކުރުމަށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެކަން ފާހަގަކޮށް ފުލުހުން ވަނީ ޓްރެފިކަށް ގެނައި ބަދަލާއެކު ހަތަރު ފުރޮޅުލީ އުޅަނދު ވަނުން މަނާކުރި މަގުތައް ބަޔާންކޮށްފައެވެ.
މީގެއިތުރުން ފުލުހުން ބުނީ ހާއްސަ ސަމާލުކަމެއް ދީގެން މާލެ އާއި ސިނަމާލެ ބުރިޖު އަދި މާލެ ހުޅުމާލެ ލިންކު ރޯޑުގެ ޓްރެފިކް މެނޭޖުކުރާނެކަމަށާއި މިސްކިތްތަކަށް ދާ މީހުންނަށް އެއްވެސް ދަތިކަމެއް ނެތި ފަސޭހަކަމާއެކު މިސްކިތްތަކަށް ވަދެވޭނެ ގޮތް ހެދުމާއި އެކު ބާޒާރުމައްޗާއި އެހެން ތަންތަނުގައި ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެ ގޮތާއި ދަތުރުފަތުރު ކުރޭވެނޭ ގޮތް ހަދައިދޭނެކަމަށެވެ.
އަދި ގަވާއިދާ ހިލާފަށް ތަންތަނުގައި ޕާކުކުރުން ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށާއި ހަވީރުގެ ވަގުތުތަކާއި މަގުތަކުގެ ބާރުބޮޑުވާ ގަޑިތަކުގައި ކަފިހިހުރަސްތައް ކައިރި ބެލެހެއްޓުމާއި ބާޒާރުތަމަތީގައި އުޅަނދުތަކާއި ބޯޓުފަހަރަށް މުދާ އަރުވައި ބޭލުމުގެ ކަންކަމުގައި އާންމުންނަށް އިރުޝާދު ދިނުމުގެ އިތުރުން މާލެ ތެރޭގައި ހުރި އެކި މާރުކޭޓްތައް ކައިރީގައި ވެސް ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކުރާނެކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ