މަސައްކަތް ކުރަނީ ރޯދައިގެ ކުރިން ބަގީގެ ޚިދުމަތް ފަށަން: މުއިއްޒު

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ފަށާ ބަގީގެ ޚިދުމަތް ރަމަޟާން މަހުގެ ކުރިން ފެށޭތޯ މަސައްކަތް ކުރާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ވިލިމާލޭގައި ދުއްވަން ބޭނުންކުރާ ބަގީތައް އެ ރަށަށް ގެންދިޔައީ މި މަހުގެ 10ވަނަ ދުވަހުއެވެ. އަދި ބަގީގެ ޚިދުމަތް ފެށުމަށް އެންމެ ފުރަތަމަ ނިންމީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އެ ތާރީޚު ފަސްކުރީ، ބައެއް ކަންކަން ނުނިމި ހުރުމުން ކަމަށް މޭޔަރު ވިދާޅުވިއެވެ. "މާދަމާ ވެސް ފަށަން އަޅުގަނޑުމެން މަސައްކަތް ކުރަނީ. ބައެއް ކަންކަން އަދި ވެސް ނުނިމި ހުރީ. ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ވެސް. އެކަމަކު އެބަ ހަމަޖެހޭ މިހާރު ހުރިހާ ކަމެއް،" މޭޔަރު ވިދާޅުވިއެވެ. ސިޓީ ކައުންސިލުން ވިލިމާލޭގައި މީހުން އުފުލާ ބަގީގެ ޚިދުމަތާއެކު މުދާ އުފުލާ ބަގީގެ ޚިދުމަތާއި އެމްބިއުލާންސް ބަގީގެ ޚިދުމަތް ވެސް ފޯރުކޮށްދޭނެއެވެ. ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށުމާގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން "ސަން"އަށް ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހާއި ފިތުރު ޢީދުގެ ދުވަސްތައް ނިމެންދެން ބަގީގެ ޚިދުމަތް ދޭނީ ހިލޭ ކަމަށެވެ. "ބަސްރޫޓުގެ ތެރެއިން ދަތުރުކުރަންޏާ ހިލޭ ދަތުރުކުރެވޭނީ. ޕްރައިވެޓް ހަޔާއަށް ހަމަ ފައިސާ ދައްކައިގެން ދަތުރުކުރަން ޖެހޭނީ،" މޭޔަރު ވިދާޅުވިއެވެ. ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ބަގީގައި ބަސް ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ ދެ ރުފިޔާއެވެ. އެހެން ނަމަވެސް ބަގީ "ޕްރައިވެޓް ހަޔާ"ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔާގެ ގޮތުގައި ބަގީ ނަގާނަމަ އަގުތަކަކީ: 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ ވިލިމާލޭގެ އެތެރޭ ދަތުރުފަތުރުގެ ދަތިކަން ބޮޑުވެފައި އޮތުމުން، ސިޓީ ކައުންސިލުން އެ ޚިދުމަތް ދޭން ނިންމީ މިދިޔަ އޮގަސްޓު މަހެވެ. ސިޓީ ކައުންސިލުން އެ ޚިދުމަތް ދޭގޮތަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ. ވިލިމާލޭގައި ސިޓީ ކައުންސިލުން ބަގީގެ ޚިދުމަތް ފަށާއިރު މިހާރު ވެސް އެމްޓީސީސީއިން އަންނަނީ އެ އަވަށުގައި ބަހުގެ ޚިދުމަތް ދެމުންނެވެ. ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ