ޗެޓްޖީޕީޓީ ވިސްނަން ނަގާ ވަގުތުގެ ކޮންޓްރޯލް ޔޫޒަރުންނަށް

އޯޕަންއޭއައިގެ އޭއައި ޗެޓްބޮޓް، ޗެޓްޖީޕީޓީ ވިސްނަން ނަގާ ވަގުތު ކޮންޓްރޯލްކުރުމުގެ ބާރު ޔޫޒަރުންނަށް ދީފިއެވެ. މިއީ ޗެޓްޖީޕީޓީ ބޭނުންކުރާ ގިނަ ބަޔަކަށް ދިމާވެފައިވާ މައްސަލައެކެވެ. މި މައްސަލައަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން، އޯޕަންއޭއައިއިން ވަނީ ޗެޓްޖީޕީޓީ ވިސްނުމަށް ނަގާ ވަގުތު ކޮންޓްރޯލް ކުރުމުގެ ބާރު ޔޫޒަރުންނަށް ލިބޭ އަޕްޑޭޓެއް އެ އެޕްލިކޭޝަނަށް ގެނެސްދީފައެވެ. ޖީޕީޓީ-5 އަދި ވިސްނުމަށް ޚާއްސަ ކުރެވިފައިވާ ޖީޕީޓީ-5 ތިންކިން ރިލީޒްކުރި ފަހުން، ގިނަ ޔޫޒަރުން ޝަކުވާކުރަމުން ދިޔައީ ކުދިކުދި ސުވާލުތަކަށް ވެސް ޗެޓްބޮޓުން ޖަވާބުދިނުމަށް ނުގުޅޭހާ ގިނަ ވަގުތު ނަގާތީއެވެ. ޗެޓްބޮޓް ވިސްނުމުގެ މޯޑަށް ބަދަލުވާނެ ވަގުތާއި، އަދި ވަގުތުން ޖަވާބު ދޭނެ ވަގުތު ކަނޑައަޅާ އޮޓޯ-ސްވިޗަކަށް ޔޫޒަރުން ބަރޯސާވެފައި އޮތްއިރު، މި އަޕްޑޭޓާ އެކު ޗެޓްޖީޕީޓީ ޖަވާބު ދިނުމުގެ ކުރިން ވިސްނުމަށް ނަގާ ވަގުތު ކޮންޓްރޯލް ކުރުމުގެ އިތުރު ފީޗާއެއް ޔޫޒަރުންނަށް ލިބޭނެއެވެ. އޯޕަންއޭއައިގެ ރަސްމީ އެކްސް އެކައުންޓުން ބުދަ ދުވަހު އާންމުކުރި ޕޯސްޓެއްގައި މިކަން ހާމަކޮށްފައިވެއެވެ. ޗެޓްޖީޕީޓީ ޖަވާބު ދިނުމުގެ ކުރިން ވިސްނުމަށް ނަގާ ވަގުތު ކޮންޓްރޯލްކުރުމުގެ ބާރު ނެތުމުން، ގިނަ ބަޔަކު ފީޑްބެކް ދިނުމުން މި އަޕްޑޭޓް ގެނެސްފައިވާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. އޯޕަންއޭއައިއިން މި މައްސަލަ ހައްލުކުރަމުން މިދަނީ ޖީޕީޓީ-5 ތިންކިންއަށް އާ ޓޮގަލްއެއް އިތުރުކޮށްގެންނެވެ. ޔޫޒަރުން އެ މޮޑެލް ބޭނުންކުރާ ކޮންމެ ފަހަރަކު، ޕްރޮމްޕްޓް ބާގެ ދަށުން 'ތިންކިން'ގެ ނަމުގައި އާ އޮޕްޝަނެއް ފެންނާނެއެވެ. މި އޮޕްޝަންގައި ހަތަރު ބައެއް ވެއެވެ. އެގޮތުން ހިމެނެނީ، ލައިޓް، ސްޓެންޑާޑް، އެކްސްޓެންޑެޑް، އަދި ހެވީއެވެ. މި ތަނުން އެންމެ އަވަހަށް ޖަވާބު އުފައްދާނީ ލައިޓްއިން ކަމަށާއި، އެންމެ ގިނަ ވަގުތު ނަގާނީ ހެވީއިން ކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ. ނަމަވެސް، މި ފީޗާގައި ބައެއް ހުރަސްތައް އެބަހުއްޓެވެ. ފްރީ ޓިއާގެ ޔޫޒަރުންނާއި، ޗެޓްޖީޕީޓީ ގޯ ސަބްސްކްރިޕްޝަން ޓިއާގެ ޔޫޒަރުންނަށް މި ފީޗާ ނުލިބޭނެއެވެ. އެއީ، އެ ފަރާތްތަކަށް ޖީޕީޓީ-5 ތިންކިން މޮޑެލް ލިބިފައިނުވާތީއެވެ. ޕްލަސް އަދި ބިޒްނަސް ޔޫޒަރުންނަށް ސްޓެންޑާޑް އަދި އެކްސްޓެންޑެޑް މޯޑު ލިބޭއިރު، ލައިޓް އަދި ހެވީ މޯޑު ލިބެނީ ހަމައެކަނި ޕްރޯ ޔޫޒަރުންނަށެވެ. އަދި، މި ފީޗާ މިހާރު ލިބެން ހުރީ ހަމައެކަނި ވެބްސައިޓުންނެވެ. ޑެސްޓޮޕް ނުވަތަ މޯބައިލް އެޕްސްއިން ނުލިބެއެވެ. ފަހަކަށް އައިސް، އޯޕަންއޭއައިއިން ދަނީ އެ ކުންފުނީގެ ޗެޓްބޮޓްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ހަފުތާގެ ކުރީކޮޅު، އެ ކުންފުނީގެ ސީއީއޯ ސޭމް އޮލްޓްމަން ވަނީ ޗެޓްޖީޕީޓީގެ ޕާސަނަލައިޒޭޝަން ޕޭޖް އަޕްޑޭޓް ކުރަމުން އަންނަ ކަމަށާއި، މިކަމުގެ ސަބަބުން ހުރިހާ ސެޓިންސް އެއް އިންޓަފޭސްއެއްގެ ތެރެއަށް ގެނެވޭނެ ކަމަށް ވިދާޅުވެފައެވެ. މި އާ ޕޭޖްގައި ޕާސަނަލިޓީ ކޮންފިގަރޭޝަން، ކަސްޓަމް އިންސްޓްރަކްޝަންސް، އަދި މެމޮރީސް ފަދަ އޮޕްޝަންތައް ހިމެނެއެވެ. މިކަން މި ހަފުތާގެ ނިޔަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ