ބުރަ މަސައްކަތުން ހޯދި މިނިވަންކަން ބިލުން ހަނިކުރެވޭ: ރައީސް ނަޝީދު
މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލާ އެކު ބުރަ މަސައްކަތުން ހޯދި މިނިވަންކަން ބިލުން ހަނިކުރެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެ އެވެ.މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރާއްޖެއަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ.އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެނެސްދީފައިވަނީ އެ މަސައްކަތް ކުރި މީހުން އެތައް ވޭނާއި، އެކަނިވެރިކަމާ ކުރިމަތިލައި، ކުރި ބުރަ މަސައްކަތުން ކަމަށެވެ. ނަމަވެސް މީޑިއާ ބިލުން އެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް 60 މެމްބަރުންގެ ވޯޓާ އެކު، މަޖިލިހުގެ މި ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އެ ބިލް ފާސްކުރީ އިއްޔެގަ އެވެ. އަދި އެ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން އެމްއެމްސީ އަދި ބްރޯޑްކޮމް އުވާލައި، މީޑިއާ ކޮމިޝަންގެ ނަމުގައި ވަކި އިދާރާއެއް އުފައްދަންޖެހެ އެވެ.އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕު ހިމެނޭ ގޮތަށް އަންނަނީ މީޑިއާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.ސަރުކާރުގެ މެންބަރުން އަންނަނީ، މީޑިއާ ބިލް ފާސްކޮށްފައިވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އިސްލާހުތައް ގެނައުމަށް ފަހު ކަމަށް ބުނަމުންނެވެ.އެހެންނަމަވެސް، ބިލުގައި ކަންބޮޑުވާން ޖެހޭ އިތުރު ކަންތައްތައް ހުރި ކަމަށް ބުނެ ނޫސްވެރިން ވަނީ ބިލް ތަސްދީގު ނުކުރަން ގޮވާލައި ސިލްސިލާ ހަރަކާތްތައް ބާއްވާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ