ސްޓްރާޑާގެ މަައްސަލަ ނެގީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ނޭނގޭތީ ހިސާބުކުރަން: އުޝާމް

ބުރިޖް ވިއު ޕްލެޓްފޯމެއް ހަދައި، އެ ތަނުގައި ނިއުޕޯޓް ރެސްޓޯރަންޓް ހިންގި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި ތަންފީޒީ މައްސަލަ އަނބުރާ ގެންދިޔައީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހިސާބުކުރަން ޖެހިގެން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މި ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓް މެންބަރު ޒާހިދު ރަމީޒުގެ ވިޔަފާރިއެއް ކަމަށްވާ ސްޓްރާޑާއިން ދައްކަން ޖެހޭ ޖޫރިމަނާއާއި ކުލި ނުދައްކާތީ ތަން ހަވާލުކުރުމަށާއި ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތުގެ ތިން މަރުހަލާއިން ވެސް އޮތީ ދައުލަތާ އެއްކޮޅަށް ނިމިފަ އެވެ.
ނަމަވެސް ސިވިލް ކޯޓަށް ދައުލަތުން ކުރިން ހުށަހެޅި ތަންފީޒީ މައްސަލައިގެ ތެރެއިން ފައިސާ ހޯދުމުގެ މައްސަލަ މި ފަހުން ވަނީ ގެނެސްފަ އެވެ. ބަންޑާރަ ނައިބު އޮފީހުން އެ ގޮތަށް ނިންމި ސަބަބާ ގުޅޭ ގޮތުން ބަންޑާރަ ނައިބު އުޝާމްއާ ސުވާލުކުރެއްވުމަށް، މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވަނީ ހުށަހަޅުއްވައިފަ އެވެ.
ތަފްސީލް  - މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުޝާމްއާ އެ ސުވާލުކުރެއްވުމުން އޭނާ ވިދާޅުވީ އެ އޮފީހުން އެ މައްސަލަ މުޅިން ދޫކޮށްނުލާ ކަމަށެވެ. މި ވަގުތަށް މައްސަލަ އަނބުރާ ގެންދިޔައީ، ތަން ދައުލަތާ ހަވާލުކުރި ދުވަހާ ހަމައަށް އަރާ ޖޫރިމަނާއާއި ކުލީގެ އަދަދު ސާފުނުވާތީ ކަމަށް އުޝާމް ވިދާޅުވި އެެވެ.
"ސިވިލް ކޯޓަށް ހުށަހެޅި ތަންފީޒީ މައްސަލާގައި ދެބައެއް މި އޮތީ. ތަން ހަވާލުކުރުމާއި ފައިސާ ދެއްކުން. ތަން މި އޮތީ ހަވާލުކޮށްފައި. ނަމަވެސް ދައުލަތާ އެ ތަން ހަވާލުކުރި ދުވަހާ ހަމައަށް ތަނަށް އަރާފައިވާ ޖޫރިމަނާއާއި ކުލީގެ އަދަދެއް ސާފެއްނުވި،" އުޝާމް ވިދާޅުވި އެވެ.
އެ ހިސާބުތައް ހޯދުމަށް ހައުސިން މިނިސްޓްރީއަށް ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ސިޓީއެއް ފޮނުވި ކަމަށް އުޝާމް ވިދާޅުވި އެވެ. މީގެ 10 ދުވަސް ކުރިން ހިސާބުތަކެއް މިނިސްޓްރީން ފޮނުވި ނަމަވެސް އޭގައި ވެސް މައްސަލަތަކެއް އުޅޭތީ، އިތުރަށް އެކަން ދިގުލައިގެންދާކަން އުޝާމް ފާހަގަކުރެއްވި އެވެ.
"ހިސާބުތައް އަޅުގަނޑުމެންނަށް ލިބުނުހާ އަވަހަކަށް ތަންފީޒީ މައްސަލައިގެ ދެވަނަ ބައި، އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާނަން،" އުޝާމް ވިދާޅުވި އެވެ.
އެނގުން މުހިންމު - ސިނަމާލެ ބުރިޖް ބަލަން އިށީނދެލައިގެން ތިބެވޭނެ ގޮތަަކަށް ބުރިޖް ވިއު ޕްލެޓްފޯމަކާއި، ރެސްޓޯރަންޓެއް އަދި ފުޓްސަލް ދަނޑެއް ވެސް އަޅާ ގޮތަށް ސްޓްރާާޑާ އެކު ހައުސިން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ސެޕްޓެމްބަރު 2016ގަ އެވެ. އޭރުގެ ހައުސިން މިނިސްޓަރަކީ، މިހާރުގެ ރައީސް މުހައްމަދު މުއިއްޒެވެ.
ބިމުގެ ކުލި ނުދައްކާތީ ތަން ހަވާލުކުރަން އެންގީ ސަރުކާރު ބަދަލުވެ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. ނަމަވެސް ތަން ހަވާލުނުކޮށް ފައިސާ ވެސް ނުދައްކާތީ އެ ސަރުކާރުން ސިވިލް ކޯޓަށް ދިޔަ އެވެ. އޭގެ ފަހުން ޝަރީއަތުގެ ތިން މަރުހަލާއިން ވެސް ހުކުމްކުރީ ދައުލަތަށް ތަން ހަވާލުކޮށް ފައިސާ ދެއްކުމަށެވެ. އެ ގޮތުން:
ތަން ހަވާލުކުރުމަށާއި ޖޫރިމަނާއާއި ކުލި ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ދިޔައީ 18 އޭޕްރީލް 2019ގައި
އެ ބިން 15 ދުވަހުގެ ތެރޭގައި ހަވާލުކޮށް، އެ ދުވަހާ ހަމައަށް ކުއްޔާއި ޖުރިމަނާއަށް އަރާފައިވާ ފައިސާގެ ގޮތުގައި 1.15 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރަނީ 26 ސެޕްޓެމްބަރު 2019ގައި
ސްޓްރާޑާއިން ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރުމުން، އެ މައްސަލާގައި ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓުމަށް ހައި ކޯޓުން ހުކުމްކުރީ 11 އޮކްޓޯބަރު 2021ގައި
ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި ވެސް އިސްތިއުުނާފްކުރުމުން، ސުޕްރީމް ކޯޓުން ވެސް ދަށު ކޯޓުގެ ނިންމުމާއި ހައި ކޯޓުގެ ނިންމުން ދަމަހައްޓަން ހުކުމްކުރީ 24 އޭޕްރީލް 2024ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ