ކަށީގެ ބަލިތަކަށް އައިޖީއެމްއެޗުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީ

ކަށީގެ ބަލިތަކަށް ފަރުވާކުރުމުގައި އައިޖީއެމްއެޗުން އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ފަށާފައިވާ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުލްރައްޒާގު ހަލީމް މިއަދު ވިދާޅުވެއްޖެއެވެ. އޭނާ އިއުލާންކުރެއްވި ގޮތުގައި މިހާރު އެ ހޮސްޕިޓަލުން ވަނީ އެންމެ ފަހުގެ އެޑްވާންސްޑް ޓެކޮނޮލޮޖީ، އާތުރޮސްކޮޕީ ޓަވަރު އައިޖީއެމްއެޗްގައި ބެނުންކުރަން ފަށާފައެވެ. ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އައިޖީއެމްއެޗްގެ ކަށި އަދި ޓްރޯމާ ސާޖަރީ ޑިޕާޓްމަންޓްގެ ޚިދުމަތްތައް ފުޅާކުރުމާއި، އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ތައާރަފުކުރި ޓެކްނޮލޮޖީއެއް ކަމަށެވެ. މި ސިސްޓަމާ އެކު ހަތަރު ގުނަ ސާފުކޮށް 4k ރިޒޮލިއުޝަނަށް ފެންނާނެއެވެ. https://x.com/22halex/status/1978266762413273445 އައިޖީއެމްއެޗްގެ ސީއީއޯ އިތުރަށް ވިދާޅުވި ގޮތުގައި މި ސިސްޓަމާ އެކު ފަސޭހައިން ބަލި ދެނެގަނެވި، ކުޅިވަރުގެ ތެރެއިން ލިބޭ އަނިޔާތައް ފަރުވާކުރުމުގައި ޒަމާނީ ގޮތްތައް ބެނުންކުރެވޭނެއެވެ. ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށް އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ކުރައްވާ މަސައްކަތަށް ހަލީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އައިޖީއެމްއެޗްއިން މި ޓެކްނޮލޮޖީ ބޭނުންކުރަން ފަށާފައިވާއިރު ކަށީގެ ބަލިތަކަކީ ރާއްޖޭގައި ފުދޭވަރަކަށް ގިނައިން ބޭސްފަރުވާ ބޭނުންވާ ދާއިރާއެއްކަން އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި އަހަރުގެ ޖުލައި މަހު އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ބޭސްފަރުވާއަށް އެ އެޖެންސީން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކަށީގެ ބަލިތަކަށެވެ. އެގޮތުން، އެންސްޕާއިން ކަށީގެ ބަލިތަކުގެ 147 ކޭހަކަށް އެހީތެރިކަން ފޯރުކޮށްދިނެވެ. ކަށީގެ ބަލިތައް ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އާންމުކަން މި ހިސާބުތަކުން ހާމަވެއެވެ. ކަށީގެ ބަލިތަކުގައި، ގިނަ އަދަދެއްގެ ދިވެހީން ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ވެސް ގޮސް އުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ